ރިޔާސީ އިންތިހާބަށް ދެ މަހަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ވެސް، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ކުރިއަށް އޮތް ފަސް އަހަރަށް ކޮށްދޭނެ ކަންތައްތައް ހިމެނޭ ރިޔާސީ މެނިފެސްޓޯ ހުށަނާޅައި، ދިގުލައިގެން ގޮސްފިއެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މެނިފެސްޓޯ އާންމު ކުރުން ލަސްވެގެންދާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ އިންތިހާބުގެ 85 ދުވަސް ކުރިން މެނިފެސްޓޯ ތައާރަފްކޮށްފައެވެ. އއ. އުކުޅަހުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ކޮންގްރެސްގައި އެމްޑީޕީގެ މެނިފެސްޓޯ އާންމުކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީންނާއި އަދާލަތު ޕާޓީން ވެސް ވަނީ އެ ޕާޓީތަކުގެ މެނިފެސްޓޯ އާންމުކޮށް، ގުޅިފައިވާ ޕާޓީތަކަށް އެއްބަސްވެވޭ މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ.
ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ މެނިފެސްޓޯއަކީ "ސަޕްރައިޒެއް" ކަމަށެވެ. ޕީޕީއެމުން އަލިމަސްކާނިވަލްގައި މިދިޔަ މެއި މަހު ބޭއްވި ޖަލްސާއެއްގައި ވާހަަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯ އާންމު ކުރައްވާނީ ފިތުރު އީދަށްފަހު ކަމަށެވެ. ނަމަވެސް ފިތުރު އީދު ފާހަގަ ކުރިތާ މަހަކަށްވުރެ ގިނަ ދުވަސްވީ އިރުވެސް، ޕީޕީއެމްގެ މެނިފެސްޓޯ އާންމެއް ނުކުރެއެވެ.
ޕީޕީއެމުން މެނިފެސްޓޯ އާންމު ކުރުން ލަސްވަމުންދާ ސަބަބާ ގުޅޭ ގޮތުން ބަހެއް ހޯދާލުމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލަށް ގުޅާލުމުން އޭނާ ޖަވާބެއް ނުދެއްވިއެވެ.
މެނިފެސްޓޯ ހުށަހެޅުން ލަސްވެގެންދާއިރު، ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ހުށަހެއްނާޅުއްވައެވެ. ކެންޑިޑެސީ ހުށަހެޅުމަށް ބާކީ އޮތީ 13 ދުވަހެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފައެވެ.