ކައުންސިލަރުން ސަސްޕެންޑްކޮށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމާ ނިންމުންތަކާ ދެކޮޅު ހެއްދެވި އެ ބޯޑުގެ މެމްބަރަކު، ސިޔާސީ މަގާމަކުން ވަކިކޮށްފިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ސިޔާސީ މަގާމުން ވަކިކޮށްފައި ވަނީ އެލްޖީއޭ ބޯޑުގެ މެމްބަރު އާމިރު އަލީއެވެ. އޭނާ ވަކިކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުންނެވެ.
އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން، އެ ޕާޓީގެ 26 ކައުންސިލަރަކު ސަސްޕެންޑު ކުރުމަށް މިދިޔަ މަހު އެލްޖީއޭ ބޯޑުގައި ނެގި ވޯޓުގައި އާމިރު ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. ކައުންސިލްތަކުގެ ބަލަދުވެރި ފަރާތުގެ ހައިސިއްޔަތުން އެލްޖީއޭ. އަށް ލިބިފައިވާ ބާރުތައް ނަހަމަ ގޮތުގައި އެ ބޯޑުން ބޭނުން ކުރަމުންދާ ކަމަށް ބުނެ، ބޯޑުގެ ބައްދަލުވުންތަކުގައި އާމިރު ދެކޮޅު ހައްދަވާކަން ވެސް ވަނީ އެނގިފައެވެ.
އާމިރަކީ 2014 އަހަރު މަޖިލީހުން ރުހުން ދީގެން، އެލްޖީއޭ. ގެ ބޯޑަށް އައްޔަންކޮށްފައިވާ މެމްބަރެކެވެ. އެލްޖީއޭ ބޯޑުގައި އޭނާ ތަމްސީލު ކުރައްވަނީ މަދަނީ ޖަމިއްޔާތަކެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އެލްޖީއޭ ބޯޑަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން، އެންމެ މަތިން މާކްސް ލިބިގެންނެވެ.
"ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީން، އޭނާއަށް ދީފައިވާ ސިޔާސީ މަގާމުން ވަކިކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުއެވެ.
ނަމަވެސް އޭނާ އެލްޖީއޭ ބޯޑުން އަދި ވަތްކެއް ނުކުރެއެވެ. އެލްޖީއޭ ބޯޑުން، މެމްބަރުން ވަކިކުރެވޭނީ މަޖިލީހުން އެ މެމްބަރަކު ވަކިކުރަން ފާސްކުރުމުންނެވެ.