ނަރުހުންގެ އެލަވަންސްތައް ކަނޑާލީ މަޝްވަރާ ވެސް ކުރުމެއް ނެތި ކަމަށާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
ނަރުހުންގެ އެލަވަންސްތައް ކަނޑާލީ އައިޖީއެމްއެޗް އިން ކަމަށް ބުނެ މީޑިއާގައި ފަތުރެމުންދާ ވާހަކަތަކާ ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެކަމުގެ މައުލުމާތާލު އެނގޭނީ ހެލްތު މިނިސްޓްރީއަށާއި ސިވިލްސާވިސް ކޮމިޝަނަށް ކަމަށެވެ. އަދި މީޑިއާގައި ތުހުމަތު ކޮށްފައިވާ އިލްޒާމުގެ އެއްވެސް ހިއްސާއެއް އައިޖީއެމްއެޗްގައި ނޯންނާނެ ކަމަށް ވަނީ ބުނެފައެވެ.
ނަރުހުންގެ އައު އޮނިގަނޑުގެ މަސައްކަތް ނިންމައި ތަންފީޒު ކުރުމުގައި އެންމެފަހުގެ މަސައްކަތް މިވަގުތު ކުރެވެމުން ދިޔަ ނަވެސް، އެ އޮނިގަނޑު ތަންފީޒު ކުރުމާ އެކު މުސާރައަށާއި އިނާޔަތްތަކަށް އަންނާނެ ބަދަލުތަކަކީ ކޮބައިކަން ވެސް ނޭނގޭ ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ. ނަމަވެސް އައު އޮނިގަނޑާ ގުޅިގެން އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ނަރުހުންނަށް މައުލޫމާތު ދިނުމަށް އައިޖީއެމްއެޗްގައި ވަނީ ސެޝަންތަކެއް ބާއްވާފައެވެ.
އެ ސެޝަންތަކުގައި ނަރުހުންގެ އިސް ބޭފުޅުން ދެއްވި މައުލޫމާތަށް ބަލާއިރު ކުރިން ދެމުން އައި ރިސްކް އެލަވަންސް، ޝިފްޓް އެލަވަންސް، ޓެކްނިކަލް ނުވަތަ ސަޕޯޓް އެލަވަންސް އައު އޮނިގަނޑުގެ ދަށުން އުނކުރެވިގެންދާނެ ކަމަށް ނަރުހުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން ޑިއުޓީ ގަޑިއަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ. އައިޖީއެމްއެޗުގެ ނަރުހުން މިހާރު މަސައްކަތް ކުރަނީ ޑިއުޓީއެއްގައި އަށް ގަޑިއިރެވެ. ނަރުހުންނަކީ ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި ހަމަޖައްސާފައި ވުމުން، ސިވިލް ސާވަންޓުން މަސައްކަތް ކުރާ ހަ ގަޑިއިރަށް ވުރެ ނަރުހުންގެ މަސައްކަތް އިތުރުވާ ކޮންމެ ޑިއުޓީއެއްގައި، ދެ ގަޑިއިރު އޯވަރޓައިމް މިހާރު ލިބުނަސް، އާ ބަދަލާ އެކު ނަރުހުން މަސައްކަތް ކުރާ ވަގުތު އަށް ގަޑިއިރަށް ބަދަލު ކުރުމުން ދެ ގަޑިއިރުގެ އޯވަރ ޓައިމް ވެސް ކެންޑިގެންދާނެ އެވެ. ނަރުހުންނަށް ދެން އޯވަ ޓައިމް ލިބޭނީ އަށް ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ ނަމައެވެ.
މީގެ އިތުރުން އެންރޯލްޑް ނަރުހުންނަށް ދެ އަހަރު ދުވަހުގެ ތެރޭގައި ޑިޕްލޮމާ އަށް ކިޔަވަން ފެށުމަށް ނުވަތަ ވަޒީފާ އިން ވަކިވާންޖެހޭނެ ކަމަށް ވެސް ނަރުހުންނަށް މައުލޫމާތު ދީފައި ވެއެވެ. އައު އޮނިގަނޑުގެ ދަށުން އެޑްވާންސް ސެޓްފިކެޓް އޮންނަ އެންރޯލްޑް ނަރުހުންގެ މަގާމު އުވިގެންދާނެ ކަމަށް ވެސް ނަރުހުން ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި މަގާމުތައް ވެސް ހަމަޖެހިގެންދާނީ ހާސިލްކޮށްފައިވާ ސެޓްފިކެޓްގެ މައްޗަށް ބިނާކޮށެވެ. އަދި މިހާރު ހުރި މަގާމުތައް ވެސް އެއާ އެއްގޮތަށް ބަދަލުވެގެންދާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އައު އޮނިގަނޑާ އެކު ގެއަށް ގެންދަންޖެހޭ މުސާރަ ކުޑަވެދާނެތީ ނަރުހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.