މި އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމިން ކުރައްވާ އިލްތިމާސްއެއް އެބަ އޮތެވެ. އެއީ ރައްޔިތުން ވޯޓު ލާން ދާއިރު ސިކުނޑި ގޭގައި ބާއްވާ ނުދިއުމެވެ. ސުވާލަކީ ރައީސް އަބްދުﷲ ޔާމިން އެ ވިދާޅުވާ ގޮތަށް ސިކުނޑި ހިފައިގެން ވޯޓުލާން ގޮސްގެން ނުވަތަ ސިކުނޑިން ވިސްނާފައި ވޯޓުލައިފި ނަމަ އޭގެ ފައިދާ ރައީސް ޔާމިނަށް ކުރާނީ ކިހާވަރަކަށް ތޯއެވެ؟
އެ ވާހަކަ އެހެން ވިދާޅުވިއިރު ރައްޔިތުންގެ ސިކުނޑީގައި ހުންނާނެ ކަންކަން ރައީސް ޔާމިނަށް ރަނގަޅަށް އެނގިވަޑައިގަންނަވާހެން ހިޔެއް ނުވެއެވެ. ސިކުނޑި ހިފައިގެން ވޯޓު ލާންދާ މީހާގެ ސިކުނޑީގައި މީގެ ކުރިން ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމިން ވެވަޑައިގެންނެވި ވައުދުތައް ވެސް ހަނދާން ހުންނާނެއެވެ. ރައީސް ޔާމިން ވެވަޑައިގެންނެވި ބައެއް ވައުދުތައް މީހުންގެ ސިކުނޑިން އަދި ފޮހެވޭހާ ދުވަހެއް ނުވެއެވެ.

މަސްވެރިން ވޯޓުލާން ދާއިރު ގޭގައި ސިކުނށޑި ބާއްވާފައި ދާ މީހަކަށް ނޫނީ ބެޔަސް ނުބެޔަސް ދޭން ބުނި 10000 ރުފިޔާގެ ވައުދަކީ ދައްކާލި ދަޅައެއްކަން މިއަދު އެނގޭނެއެވެ. ސިކުނޑި ހިފައިގެން ވޯޓުލާން ދާ ދަނޑުވެރިޔާ، ރައީސް ޔާމިނަށް ވޯޓު ނުދޭނީ މި ސަރުކާރުން ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީ ނުކޮށްދިންތާ، އެމީހުނަށް ދޭން ބުނި އެލަވަންސް ވެސް ނުދީ އޮތީމައެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސިކުނޑިން ވިސްނާލުމުން އެމީހުނަށް ރިސޯޓް ހިއްސާދޭނަމޭ ކިޔައި ޕީޕީއެމުން ވީ ވައުދުތައް އެއީ އެއްވެސް ތާކުން ތާކުން ނުޖެހޭ ވާހަކައެއްކަން އެނގޭނެއެވެ.
އަތޮޅުތެރެއަށް ވަޑައިގެން ރައްޔިތުންގެ ގާތު ސިކުނޑި ބާއްވާފައި ވޯޓުލާން ނުދާށޭ ރައީސް ޔާމިން ވިދާޅުވިއިރު އެ މީހުންގެ ގާތު މި ހުރިހާ ދުވަހު މާލޭ އައުމަށް ގޮވާލެއްވި ރައީސަކީ ވެސް އެއީކަން އެ ސިކުނޑިތަކަށް ވިސްނޭނެއެވެ. ރަށުގެ ދިރިއުޅުން ދޫކޮށްލައި މާލޭގައި އަލިފާން ފޮއްޓެއްވަރުގެ ތަނެއްގައި އާއިލާ ގޮވައިގެން ދިރިއުޅެން މަޖުބޫރުކުރާ ސިޔާސަތުތަކެއް މި ފާއިތުވި ދުވަސްތަކުގައި ގެންގުޅުއްވި ރައިސަކީ ވެސް ރައީސް ޔާމިންކަން އެނގޭއިރު ސިކުނޑި ބާއްވާފައި ވޯޓުލާން ދާ މީހަކު ނޫނީ އެމަނިކުފާނަށް ވޯޓުދޭނެ ކަމަށް ގަބޫލެއް ނުކުރެވެއެެވެ.

ކޮންމެ އަތޮޅެއްގައި ހުޅުމާލެއެއް ބިނާ ކުރާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އެންމެ އަތޮޅެއްގައި ވެސް ރަނގަޅު ފެންވަރުގެ އަސާސީ ހިދުމަތެއް ވެސް ލިބޭނެ މަގު ތަނަވަސް ކޮށްނުދެއްވައި އޮތްކަން ސިކުނޑި ހިފައިގެން ވޯޓުލާން ދާ މީހާ ވިސްނާނެއެވެ. ދައުލަތުގެ މާލިއްޔަތު ފުނޑުފުނޑު ކޮށްލައި ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކާލުމަށް ފަހު އެ ފައިސާކޮޅު ވެސް އަމިއްލަ ޖީބުތަކަށް ބަޔަކު ލީ ކާކުގެ އިހްމާލުންކަން ސިކުނޑި ހިފައިގެން ވޯޓުލާން ދާ މީހާއަށް އެނގޭނެ ކަން ކަށަވަރެވެ. އަދި މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަނުގެ އަމަލު ހިންގާފައި ވަނީ މި ސަރުކާރުގައި ކަމަށް ރައީސް ޔާމިން ވިދާޅުވިއެއް ކަމަކު އެއީ ފަހުރުވެރިވާން ޖެހޭވަރުގެ ކަމެއް ނޫން ކަމާއި އެއީ ދެ ވަނަ ދައުރެއް އެމަނިކުފާނަށް ދޭން ޖެހޭ ސަބަބެއް ނޫން ކަން ސިކުނޑި ބޭނުންކޮށްގެން ވޯޓުލާ މީހާ ދަންނާނެއެވެ.
މި ފަދަ ހުރިހާ ކަމެއް ރައްޔިތުންގެ ސިކުނޑީގައި ހަރުލާފައި ހުއްޓާ ސިކުނޑި ގޭގައި ބާއްވާފައި ވޯޓުލާން ނުދާށޭ ރައީސް ވިދާޅުވާއިރު ސިކުނޑީގެ ބޭނުން ކޮށްގެން ވޯޓުލާ މީހާގެ ވޯޓު އެމަނިކުފާނަށް ލިބޭނެ ކަމަށް ހީކުރުމަކީ ކުންހީއަކަށް ވެދާނެއެވެ. ހަމަ ޔަގީނުން ވެސް ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ވައުދުތަކަށް ބަލައިގެން ނުވަތަ މި ސަރަކާރުގައި ހިންގި ކޮރަޕްޝަންތަކާއި ސިޔާސީ ފަރާތްތަކާ މެދު މި ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތަށް އެކަނި ބެލިޔަސް އެމަނިކުފާނު އެ ހުންނެވީ ކުށް ހީއެއްގައި ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.