ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 16:16
ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ކުނޫޒްގައި ބޭއްވި ޖަލްސާއެއްގަައި ބައިވެރިވެވަޑައިގަންނަވަނީ
ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ކުނޫޒްގައި ބޭއްވި ޖަލްސާއެއްގަައި ބައިވެރިވެވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ ރޭސް 2018
މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟
 
މި އިންތިހާބުން ބަލިވުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިދިކޮޅުން ބުނޭ
 
ރައީސް ޔާމީނާއި ވާދަކުރާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް
 
އަނިޔާވެރިމާއި ދެކޮޅަށް އެންމެ ފުރަތަމަ ތެދުވީ އެމްޑީޕީ

ރައީސް ޔަމީންގެ ވެރިކަމުގެ އަނިޔާވެރިކަމުގެ ވާހަކައަކީ އެމަނިކުފާނު ވެރިކަމަށް އައިތާ ތިން މަސް ދުވަސް ނުވަނީސް ދެކެވެން ފެށި ވާހަކައެކެވެ. މި  ވެރިކަމުގައި އަނިޔާ ލިބި އަނިޔާ ތަހައްމަލު ކޮށްފައިވާ މީހުންގެ އަދަދު ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. މި އަނިޔާވެރިކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ބަސް ބުނި ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއެވެ. އިންސާފުގެ ދަތުރުގެ ނަމުގައި އިންސާފު ހޯދުމަށް އެޕާޓީއިން ފެށި ދަތުރުގައި ދެން ނުކުތީ އަނިޔާވެރިކަން ނިންމާށެވެ. މި ހުރިހާ ކަމެއްގައި ވެސް ލީޑު ކުރެއްވި ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމަނިކުފާނުގެ ވިސްނުންފުޅާއި އެއްގޮތަށް ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށް އެމްޑީޕީއިން ކުރަމުން ދިޔަ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދިޔައީ އާދަލަތު ޕާޓީ އެމަސައްކަތާއި ގުޅުނު ހިސާބުންނެވެ. އަދާލަތުގެ ފަހަތުން އެމްޑީޕީއާ ގުޅުނީ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއެވެ. މި ބިޔަ ބޮޑު ކޯލިޝަނާއެކު ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތްކުރަމުން ދަނިކޮށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ނުހައްގުން ޝަރީއަތްކޮށް ޓެރަރިޒަމްގެ ކުށުގައި ރައީސް ނަޝީދު ބަންދުކުރެވުނު ހިސާބެވެ. މިހާ ހިސާބުން އަނިޔާވެރިކަމާ ދެކޮޅަށް ކުރެވެމުންދިޔަ މަސައްކަތްތައް ހުއްޓޭނެ ކަމަށް ރައީސް ޔާމީން ހީފުޅުކުރެއްވިއެވެ. ކަންވީ މުޅިން އިދިކޮޅަށެވެ.

 

އަނިޔާވެރިކަމާއި ދެކޮޅަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރައަކީ 2015 ވަނަ އަހަރުގެ މޭ ޑޭގައި ބޭއްވި ހިނގާލުން

އެހާ ހިސާބުން އިދިކޮޅުން މަސައްކަތް ފެށީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށެވެ. އެހެން ނަމަވެސް ގާނޫނުތަކަށް ގޮންޖަހައި ގާނޫނުތައް މުގުރާލައި ރައީސް ޔާމީން ގަދަ ބާރުން ވެރިކަމުގެ ދެމިހުންނަން ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރެއްވިއެވެ. އަނިޔާވެރިކަން ދިޔައީ އިންތިހާއަށް އިތުރު ވަމުންނެވެ.

އެހާ ހިސާބުން އިދިކޮޅު ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަށް ވިސްނިވަޑައިގަތީ ރައީސް ޔާމީންގެ ސަރުކާރު ބަލިކުރެވެން އޮތް ހަމައެކަނި ގޮތަކީ މިއަހަރުގެ ރިޔާސީ އިންތިހާބު އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ ކާމިޔާބުކުރުން ކަމަށެވެ. އެއާއެކު ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާ ފެށިގެން ދިޔައެވެ. އެކަމަށް ކޮމިޓީއެއް ނަގައި، އެކޮމިޓީގެ ޗެއާމަންކަން ކުރެއްވި ގުޅިފައިވާ ޕާޓީތަކުގެ ޕީޖީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.

މި މަޝްވަރާތައް މަޑުޖެހިގެން ދިޔައީ އެކެއް ފެބްރުއަރީގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއެކު ނެރުނު ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރުވި އަމުރުގެ ސަބަބުންނެވެ. އެއީ އަނިޔާވެރިކަމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އެފަރާތްތަކުން ދެކުނެވެ. އެހެން ނަމަވެސް ރައީސް ޔާމީން ހުންނެވީ ކޮންމެ ގޮތެއް ހައްދަވައިގެން ވެސް އެމަނިކުފާނުގެ ވެރިކަން ސަލާމަތްކުރައްވަން ތައްޔާރަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެކޯޓުގެ ތެރެއަށް ގާނޫނާ ހިލާފަށް ވަދެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާއި ހައްޔަރުކުރެއްވީއެވެ.

ހަމައެހެންމެ ގުޅިފައިވާ ޕާޓީތަކުގެ އެތަކެއް އިސް ބޭފުޅުންނެއް ހައްޔަރުކުރެއްވީއެވެ. މި ރާއްޖޭގެ ވެރިކަން 30 އަހަރު ކުރެއްވި އަމިއްލަ ބޭބޭފުޅު ވެސް ކުޑަގޮޅިއަށް ލެއްވީއެވެ. އެ އަމުރާއެކު ހަލަބޮލިވި ރާއްޖޭގެ ސިޔާސީ މަސްރަހު ހަމަޖެހުމާއެކު އަލުން އެނބުރި ގުޅިފައިވާ ޕާޓީތަކުން ދިޔައީ މަޝްވަރާގެ މޭޒަށެވެ. މިފަހަރު އޮތީ އެންމެ ޗޮއިސްއެކެވެ. އަނިޔާވެރިކަން ނިންމަން ލިބޭނީ އެންމެ ފުރުސަތެއްކަން އެނގިތިބި ހުރިހާ ޕާޓީތަކުން ނިންމީ ގުޅިފައިވާ އެއް ކެންޑިޑޭޓަކު ނެރުމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެޕާޓީއިން އަބަދުވެސް ބުނަމުންދިޔައީ ނެރޭނީ ރައީސް ނަޝީދު ކަމަށެވެ. އެޕާޓީގެ ޕްރައިމަރީގައި 45000 އެއްހާ މެމްބަރުން ލެއްވި ވޯޓުން އެކަން ހާމަވަގެންދިޔައެވެ. އޭރު ޕާޓީތަކުގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް ވެސް ހުއްޓެވެ.

ރައީސް ޔަމީންގެ ވެރިކަމެއްގައި ރައީސް ނަޝީދަށް ކުރިމަތިނުލެއްވޭނެކަން ފެންނަމުންދިޔަ މަންޒަރުތަކުން ދިޔައީ ސާފުވަމުންނެވެ. މިކަން މިހެން އޮތުމާއެކު ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާއި ދެކޮޅަށް ނުކުންނަވާނެ ކެންޑިޑޭޓެއް ނުހުންނާނެ ކަމަށް ގިނަ ބަޔަކަށް ހީވެ އެކަމާއި ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ. ރައީސް ޔާމީންވެސް ހުންނެވީ 45000 ރައްޔިތުންގެ އުއްމީދާއެކު ރައީސް ނަޝީދު ގޮތްދޫނުކުރައްވައި ހުންނަވާނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔަމީނާއި މުޅި ރާއްޖެއަށް ހައިރާންކަން ގެނުވައި ރައީސް ނަޝީދު ނިންމެވީ އެމަނިކުފާނަށް ލިބިފައިވާ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށެވެ.

އެއާއެކު ގުޅިފައިވާ ޕާޓީތަކުން ވެސް ވަނީ އެޕާޓީތަކުން ނެރޭނީ އެއް ކެންޑިޑޭޓް ކަމަށާއި އެއީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަނޑައަޅާފައެވެ. ކެންޑިޑޭޓަކީ ކޮބައިކަން ސުވާލުކުރަމުންދިޔަ ހުރިހާ ފަރާތްތަކަށް ޖަވާބު ލިބިގެންދިޔައީ އއ އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީގެ ރިޔާސީ ޓިކެޓް ޕީޖީ ލީޑަރު އިބޫއަށް އެރުވި ހިސާބުންނެވެ. އަނިޔާވެރިކަން ނިންމޭނެކަމުގެ ފެހި ސިގްނަލް އަނެއްކާ ވެސް ލިބިގެންދިޔައެވެ.

 

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބަންދުގައި ހުންނެވުމަށްފަހު އިބޫ ޖަލުން މިނިވަންވެވަޑައިގަންނަވަނީ

އިބޫގެ އެންމެ ފުރަތަމަ ސްޕީޗްގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވީ އެމަނިކުފާނު ހުންނަވަނީ މީހުންގެ މީހެއްގެ ގޮތުގައި ކަމަށާއި މީހެއްގެ އަޅަކަށް ނުވާނެ ކަމަށެވެ. ރައްޔިތުންނަށް އިބޫ ހާމަކޮށްދިން ކަމަކީ އިބޫ ވެރިކަމަށް ހޮވިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ވެސް އިޖާބަ ދޭނީ ގައުމުގެ ރައްޔިތުން އެދޭ ކަންކަމަށް ކަމަށެވެ. ހަމަގައިމު ވެސް މިހާރު ވެސް ރައްޔިތުން އެދި ގޮވަނީ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށެވެ. ނުހައްގުން ޝަރީއަތްކޮށް ޖަލަށް ލާފައިވާ މީހުންނަށް އިބޫގެ ވެރިކަމެއްގައި އިންސާފު ހޯދައިދިނުމަށް އެމަނިކުފާނު މަސައްކަތްކުރައްވާނެކަން ހާމަވެގެންދިޔައެވެ. ސިފައިންނާއި ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ރައްޔިތުންގެ ހިދުމަތުގައި ތިބޭނެ ބަޔަކަށް ހައްދަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަކީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނުމަށް ދިވެހިންނަށް ލިބިގެންދާނެ އެންމެ ފަހު ފުރުސަތު ކަމަށް ދެކޭ މީހުން މަދެއް ނޫނެނެވެ. އެހެންކަމުން އިންތިހާބުގެ ނަތީޖާ އަނިޔާވެރިކަމާއި ދެކޮޅަށް ނެރުމަށް މިއަދު ގައުމަށް ބޭނުންވަނީ މި އަނިޔާ ތަހައްމަލުކޮށް އެޔާ ދެކޮޅަށް އަޑުއުފުއްލަވާފައިވަ ބޭފުޅެކެވެ. އެ އަނިޔާގެ ތެރެއިން އަލިމަގެއް ހޯއްދެވުމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެންމެން ގޮވައިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރެއްވޭނެ ބޭފުޅުކެވެ. ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކޮށްދެވޭނެ ބޭފުޅެކެވެ.

އިބޫއަކީ އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ މި ހަނގުރާމައިގެ އެންމެފަހު ތަޅާލުންގަނޑުގައި ކޮމާންޑަރަކަށް ހުންނަވަން އެންމެ ރަނގަޅު ބޭފުޅާއެވެ. 25 އަހަރުގެ ތަޖުރިބާއާއި ހިކުމަތްތެރި މަސައްކަތްޕުޅުތަކުން ނެރުއްވި ނަތީޖާތައް މިކަމުގެ ހެއްކަކަށް ފުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
75%
0%
25%
0%
0%
ކޮމެންޓް