ވޯޓުލުމަށް ހުރަސް އެޅޭ ގޮތަށް ދަފްތަރަށް ބަދަލުތަކެއް ނާންނާނެކަމަށާއި ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ނަމަވެސް މިހާރު އޮތް ދަފްތަރު އަޕްޑޭޓެއް ނުކުރެވޭނެ ކަމަށާއި އުންޏެއްވެސް ނުކުރާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށްދާނީ ސެޕްޓެމްބަރު 23 ގެ ފަހުން ކަމަށާއި އެހެން ނަމަވެސް ހިޔާ މަޝްރޫއުގެ ދަފްތަރު ކެޓަގަރީއަށް ކުރިމަތިލުމަށްޓަކާއި ދަފްތަރަށް ނަން ބަދަލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އެއްގޮތަކަށްވެސް ވޯޓުލުމަށް ހުރަސް އެޅޭގޮތަށް އެއްވެސް ކަމެއް ކުރިއަށް ނުގެންދާނަން. ދަފްތަރަށް އެއްވެސް ބަދަލެއް ނާންނާނެ. މިހާރު މިއޮތް ދަފްތަރު ހަމަ އޮންނާނީ. ދަފްތަރު ކެޓަގަރީއަށް ފޯމު ހުށަހެޅުމުގައި ބަދަލެއް ގެންނަވާ ފަރާތްތަކަށް އަޅުގަނޑުމެން ދޭނީ ސްލިޕެއް. ސްލިޕްކޮޅުގެ ބޭނުންކޮށް ފޯމް ހުށަހެޅޭ ގޮތް ހަމަޖައްސައިދޭނަން. އަޕްޑޭޓްކޮށްދޭނީ، ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ފަހުން. އަޕްޑޭޓް ކުރުމަށްފަހު ދަފްތަރު ނަމްބަރާއި އައިޑީކާޑު ނަންބަރު ބަދަލު ކުރެވޭނީ." މިނިސްޓަރ މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، މިފަދަ ބަދަލެއް ގެނައުމަށް ނިންމީ ހިޔާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ އިރު ދަފްތަރު ކެޓަގަރީއަށް ފޯމަށް ހުށަހެޅުމުގައި މާލޭގައި ގިނަ ދުވަސްވީ މީހުންނަށް ގިނަ ޕޮއިންޓް ލިބުމަށް ފުރުސަތު އޮންނާތީ ކަމަށެވެ.
"މާލޭގައި ގިނަ ދުވަހު ދިރިއުޅުނު ރައްޔިތުންގެ ތެރެއިން މިހާތަނަށް ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކާއި ނުޖެހިވާ ފަރާތްތަކަށްވެސް ފުރުސަތު މިދެނީ، އެ ދަފްތަރުގައި ޖެހުމުގެ ކުރިން މާލޭގައި އުޅުނު މުއްދަތާއި ގުޅޭ ގޮތުން ގާނޫނީ ގޮތުން ބަލައިގަނެވޭނެ ފަދަ ފެންވަރެއްގެ ލިޔުމެއް ހެއްކާ އެކީގައި ހުށަހެޅުމަށް. ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށްވެސް އެފުރުސަތު ލިބިގެންދާނެ އެބަޔާއެކީ ހުށަހެޅުމަށް." މިނިސްޓަރ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ 1 ޖުލައި އިން ފެށިގެން 23 ސެޕްޓެމްބަރުގެ ނިޔަލަށް އެއްވެސް ގޮތަކަށް ދާއިމީ އެޑްރެސް ބަދަލު ނުކުރުމަށާއި ދެވަނަ ބުރަކަށް ގޮސްފި ނަމަ އެ މުއްދަތުގެ ތެރޭގައިވެސް މިފަދަ ކަމެއް ނުކުރުމަށް އެދޭކަމަށެވެ.
މާލޭގެ ޚާއްސަ ދަފްތަރު ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް ރަށްވެހިކަން ބަދަލު ކޮށްފިނަމަ ވޯޓު ނުލެވޭނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.