ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 08:03
އެކައުންޓަންޓުންގެ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ސަޢީދު ވާހަކަފުޅު ދައްކަވަނީ
އެކައުންޓަންޓުންގެ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ސަޢީދު ވާހަކަފުޅު ދައްކަވަނީ
އިކޮނޮމިކް މިނިސްޓްރީ
ރާއްޖޭގެ އިޤްތިޞާދު
އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!
 
ޗައިނާއާއި އެކު ކުރާ ވިޔަފާރީގެ ސަބަބުން އިތުރު ލޯނު ލިބުން ފިޔަވައި ލިބޭ ފައިދާއެއް ނެތް
 
ޗައިނާ މާކެޓަށްވުރެ ރަނގަޅު އަގެއް ޔޫރަޕް މާކެޓުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ލިބޭ
 
ޗައިނާގެ ދަރަނީގެ ދަންތުރައިގައި ރާއްޖެ ވަނީ ޖެހިފައި

ހޯމަ ދުވަހު ހޮޓެލް ޖެންގައި އޮތް އެކައުންޓަންޓުންގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު އެދެއްކެވި ވާހަކަފުޅުން އަޅުގަނޑަށް ދެ ކަމެއް ސާފުވިއެވެ. އެއްކަމަކީ ރާއްޖޭގެ އިޤްތިޞާދު މިހާލަތަށް އައީ އެމަނިކުފާނުފަދަ ބޭބޭފުޅުންގެ ސަބަބުންކަމާއި، ރާއްޖެއާއި ވިލާތުގެ އިއްތިޙާދާއި އެކު އޮންނަ ގުޅުން ކުޑަވަނީ އެމަނިކުފާނުފަދަ ބޭބޭފުޅުންނާއި ހެދިކަމެވެ. 

މިނިސްޓަރ ސަޢީދު ވިދާޅުވީ ޔާމީންގެ ސަރުކާރުން ޗައިނާ ގައި 'ޓަކި ޖަހަން ޖެހުނީ' އެ ގައުމަކީ ބޮޑު ކޮންޒިއުމަރ މާކެޓެއް އޮތް ގައުމަކަށް ވުމުން ކަމަށެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ޗައިނާ ކޮޅަށް އަނބުރާލާ، ޗައިނާއިން ޖެހި ދަރަނީގެ ދަންތުރައިގައި ރާއްޖެ ޖެހުނުކަމަށް އަމިއްލައަށް އެއްބަސްވެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ބޭފުޅުން މިކަހަލަ ވާހަކަ ވިދާޅުވާނެއެވެ. 

ތެދުފުޅެކެވެ. ޗައިނާއަކީ ބޮޑު ކޮންޒިއުމާ މާކެޓެއް އޮތް ޤައުމެކެވެ. ރާއްޖެއަކީ ޗައިނާގެ ކުޑަކުޑަ ރަށްފުށު ސިޓީއެއްގެ އާބާދީއަށްވުރެ ކުޑަ އާބާދީއެއް އޮތް ޤައުމެކެވެ. ރާއްޖޭގައި އުފައްދާ އެއްވެސް ބާވަތަކީ ޗައިނާފަދަ ބޮޑު ސިންގާ މާކެޓަކަށް ކޭޓަރ ކުރެވޭ ވަރަށް އުފައްދާ ބާވަތެއް ނޫނެވެ. މަސްވެރިކަމުގެ އުފެއްދުންތަކަކީ ޗައިނާ ނުވަތަ އިންޑިއާގެ ބާޒާރަށް ދުވަހުން ދުވަހަށް ބޭނުންކުރާ ބާވަތެއްފަދައިން އެކްސްޕޯޓްކުރާ ބާވަތެއް ނޫނެވެ. 

ޗައިނާއަކީ ދުނިޔޭގެ 2 ވަނައަށް އެންމެ ބޮޑު ކޮންޒިއުމަރ މާކެޓެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކޮށްގެން ޗައިނާގެ ވިޔަފާރިތަކަށް ރާއްޖޭގައި ފުރުސަތު ހުޅުވާލައިގެންވެސް ޗައިނާގެ މާކެޓަކަށް ފައިދާއެއްވާނެ ފަދަ ގޮތަކަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރެވޭނެ ގޮތެއް ނެތެވެ. ޗައިނާގެ މެދުފަންތީގެ އާއިލާތަކުގެ އާމްދަނީ އިތުރުވަމުންދާއިރު، އެޤައުމަށް އެތެރެކުރާ މުދަލުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ކަނޑުމަހުގެ ބައެއް ބާވަތްތައް ހިމެނެއެވެ. ޗައިނާއަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުގެ ތެރޭގައި އެންމެ ގިނައީ އިހި، ޑިނގާ އަދި ސެމަން ފަދަ ބާވަތްތަކެވެ. މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެކްސްޕޯޓްކުރާ ބާވަތްތަކެއް ނޫނެވެ. މި ބާވަތްތައް ޗައިނާ މާކެޓަށް ބޭރުކުރަން ދިވެހިރާއްޖޭގައި ކުރަން ޖެހޭ މަސައްކަތްތައް ލައްކަ ބައިވަރެވެ. 

ޗައިނާއަށް މަސްވިއްކަން މުޅި ޤައުމު ވިއްކާލުން އެއީ ތަރައްޤީނަމަ، ސަޢީދާއި ރައީސް ޔާމީން މިޤައުމު ވަރަށް ރަނގަޅަށް ތަރައްޤީކުރައްވައިފިއެވެ. މިތަރައްޤީއަކުން ދެން އަވަހަކަށް ސަލާމަތެއް ނުވާނެއެވެ.

ރާއްޖޭގެ ކަނޑުމަހަކީ ކޮލިޓީ އުފެއްދުމެކެވެ. ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމެއް ކުރާ ޤައުމަކަށްވީތީ ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތަކުގައި އެޖަހާ ލޯގޯއަކީވެސް އުފެއްދުމުގެ އަގަށް އިތުރުކޮށްލެވޭ ޑޮލަރުކޮޅެކެވެ. ރާއްޖޭގެ މަހަށް ތައިލެންޑް އަދި ޔޫރަޕް މާކެޓުން ހަމަ އެންމެ ރަނގަޅު އަގެއް ޖެހެއެވެ. އެވަރު މިނިސްޓަރ ސަޢީދަށް ކަމުނުގޮސްގެން ޗައިނާގެ މާކެޓަށް ފޯކަސްކުރަން އުޅުމުގެ ނަތީޖާއަކަށް ވެގެންދާނީ ޔޫރަޕަށް ބޭރުކުރާ މަސްކޮޅުން ލިބޭ އާމްދަނީ ގެއްލި، އެއަށްވުރެ ކުޑަ އަގެއް ޗައިނާ މާކެޓުން ލިބުމެވެ. ދިވެހި މަސްވެރިންނަށް ހައްތަހާވެސް ގެއްލުމެވެ. މިހާރުވެސް ބާނާ މަސްކޮޅު މިފްކޯއަށް ކިރާލީމާ ފައިސާ ނުލިބޭ މައްސަލައިގައި މަސްވެރިން އެތިބެނީ ރަތުގައެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު ހުންނަވަނިކޮށް މަސްވެރިކަމުގެ ސިޔާސަތުވެސް ކަނޑައަޅުއްވަމުން އެގެންދަވަނީ އިޤްތިޞާދާއި ބެހޭ ވަޒީރެވެ. މެންޑޭޓު ބަދަލުވީތޯއެވެ؟

ޔޫރަޕިއަން ޔޫނިއަންއަށް ގޮސް ދިވެހި ސަރުކާރުގެ މޫނުމަތީގައި އެބޭފުޅުންގެ ކުރިފުޅުމަތީގައި ނުލާހިކު ވަރަށް ފައުންޑޭޝަން ހާކައި، މޭކަޕްކޮށްފައި މިނިސްޓަރ ޝައިނީއާއި މިނިސްޓަރ އާސިމް އަދި މިނިސްޓަރ އާޒިމާ އެވަޑައިގަތީ އިހަކަށް ދުވަހުއެވެ. ޔޫރަޕިއަން ޔޫނިއަން ބަދުނާމުކޮށް މިނިސްޓަރ ސަޢީދު އެވާހަކަ ދެއްކެވުމުން އެ 3 ވަޒީރުން އެކުރެއްވި މަސައްކަތް އެވީ ބާކާރެވެ. ޔޫރަޕާއި ރާއްޖެއާއި މައްސަލަ ޖެހެނީ ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދިއޭ ދެންނެވީ މިހެންވެއެވެ.

ދިވެހި އުފެއްދުންތަކަށް ޔޫރަޕުން ރަނގަޅު އަގު ލިބެއެވެ. އިނގިރޭސިވިލާތް، ބެލްޖިއަމް، ނެދަލެންޑްސް، ސްވިޓްޒަލެންޑް، އިޓަލީ އަދި އެނޫންވެސް ޤައުމުތަކުގެ ބާޒާރުތަކުން ރާއްޖޭގެ މަހަށް އެންމެ ރަނގަޅު އަގު ލިބޭއިރު، ޗައިނާއަށް ބޭރުކުރާ މިންވަރަށްވުރެ ގިނައިން ޔޫރަޕްގެ ޤައުމުތަކަށް އެދަނީ މަސް ބޭރުކުރަމުންނެވެ. އަދި ޗައިނާއަށް ބޭރުކުރާ މަސްވެސް އެންމެ ފަހުން ގޮސް ނިމެނީ ޔޫރަޕުގެ ފިހާރަތަކުގެ އައިސް އަލަމާރިތަކުން ނުވަތަ ހަރު ތަކުންނެވެ. 

މަސް އެކްސްޕޯޓްކުރާ ފަރާތްތަކުގެ އަޑު އަހާލާއިރުވެސް، ޔޫރަޕްގެ މާކެޓަށް ބޭރުކުރާ މަހަށް ރަނގަޅު އަގެއް ލިބޭކަމަށް ފާހަގަކުރެއެވެ. އަދި ޗައިނާ މާކެޓުން ދިވެހި މަހަށް ޔޫރަޕްގެ މާކެޓުގައި ލިބޭ އަގު ނުލިބޭނެކަމަށް އެވިޔަފާރިވެރިންވެސް ފާހަގަކުރެއެވެ. 

ޗައިނާއަށް ޤައުމު ވިއްކާލައްވާފައި، އެކަން ދިފާޢުކުރައްވަން ސަޢީދުމެންފަދަ ބޭބޭފުޅުންނަށް ލައްކަ ވާހަކަ ދެއްކެވިދާނެއެވެ. އެހެންނަމަވެސް ހަޤީގަތް ބަދަލެއް ނުވާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް
3 ޖުލައި 2018 | އަންގާރަ 03:31
އާދަމް
މި ރިޕޯޓް ކިޔާލީމަ 3 ކަމެއް ފާހަގަކުރެވުނީ ފުރަތަމަ ކަމަކަށް މިލިޔުން ލިޔުންތެރިޔާ ގެ ލިޔުންތެރިކަމަުގެ އެއްވެސް ކޮލެޓީއެއްނެތްކަން ދެވަނަ ކަމަކަށް ފާހަގަކުރެވުނީ ލިޔުންތެރިޔާ އަޅުވެތިކަން ތިންވަނަ ކަމަކަށް ފާހަގަކުރެވުނީ ރަނގަޅަށް ސަބްޖެކްޓް އަދި މިކަމުގެ އަސްލު އެނގިނުލައްވާ މިންވަރު