އިދިކޮޅު ޕާޓީތަކުގެ މަޖިލީސް މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ނުވަންނަނީ ގާނޫނު އަސާސީ ނެގެހެއްޓުމާ ރައްޔިތުންގެ ހައްގުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހަށް ނުދަނީ 12 މެމްބަރުން ގާނޫނު އަސާސީއާއި ޚިލާފަށް ހިފަހައްޓާ އެތައް މެމްބަރަކަށް ގާނޫނުއަސާސީއާއި ގާނޫނާ ގަވާއިދާ ޚިލާފަށް ހުކުމްކޮށް ޖަލުގައި ބަންދު ކޮށްފައިވާތީ ކަމަށެވެ. މީގެ އިތުރުން މަޖިލިސްގެ ގަވާއިދާ ޚިލާފަށް މަޖިލީހުގެ ރައީސްކަން ކުރުމުން ގެންދާތީ ގާނޫނު އަސާސީ ނެގެހެއްޓުމަށްޓަކައި މަޖިލީހަށް ނުދަނީ ކަމަށް ގާސިމް ވިދާޅުވިއެވެ.
މަޖިލީހުގައި 85 މެމްބަރުން ތިއްބަވާއިރު ހޯމަ ދުވަހުގެ(މިއަދުގެ) ޖަލްސާއަށް ހާޒިރު ވެފައިވަނީ ގާތްގަނޑަކަށް 30 މެމްބަރުންނެވެ. 85 މެމްބަރުންގެ ތެރެއިން 12 މެމްބަރެއްގެ ގޮނޑީގެ ސައްހަކަމާމެދު ސުވާލު އުފައްދައި، މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ އަސްކަރީ މީހުން މެދުވެރިކޮށް، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރުން ހުއްޓުވާފައިވާތާ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.