ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ސާފު ނިޔާއެއް ކަނޑައަޅައި ނިމެންދެން، ވަގުތީ ހައްލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު މަޖިލީހަށް ވަޑައިނުގެންނެވޭ ގޮތަށް ނެރުނު ވަގުތީ އަމުރަށް ފަހު، ދާއިމީ ހައްލެއް ނުލިބި ދިގުލައިގެންގޮސްފައި ވަނިކޮށް އެ މައްސަލާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ 12 މެމްބަރަކު މަޖިލީހަށް ވަޑައިގަތުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ، އެކެއް ފެބްރުއަރީގެ އަމުރުގައި ހިމެނޭ ތިން ނުކުތާ ބާތިލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. މެމްބަރުންނަށް ޖަލްސާތަކުގައި ބައިވެރިނުވެވޭ ގޮތަށް ވަގުތީ އަމުރު ނެރުނީ މިދިޔަ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި 12 މެމްބަރުންގެ މައްސަލާގެ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓްގައި ތާއްވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހު މެންދުރު 1:30 ގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ މިހާރު ބައްލަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވުމުން ދާދި ފަހުން އެ ދެ މަގާމަށް ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކޮށްފައިވާކަން ފާހަގަކޮށްލެއެވެ.

ވަގުތީ އަމުރު ދެމި އޮންނާނީ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި ބާވަތަށް ބަލައި އެ ކޯޓުން ވަކި ގޮތެއް ނިންމަންދެން ކަމަށް އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ. ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ބޭއްވީ އެންމެ އަޑުއެހުމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ ސައްހަކަމާމެދު ސުވާލު އުފައްދައި، މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ އަސްކަރީ މީހުން މެދުވެރިކޮށް، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރުން ހުއްޓުވާފައިވާތާ އަހަރެއްހާ ދުވަސްވަނީ ވެފައެވެ. ބާރަ މެމްބަރުން ބައިވެރިނުކޮށް، މިދިޔަ އަހަރުގެ ބަޖެޓާއި ބިލްތަކާއި މިނިވަން މުއައްސަސާތަކުން މަޖިލީހަށް ވަނީ ބޭފުޅުން އައްޔަން ކޮށްފައެވެ. އެ މެމްބަރުން މަޖިލީހުގައި ތަމްސީލު ކުރުން ހުއްޓުވުމަކީ އެ މެމްބަރުން ތަމްސީލު ކުރާ 60،000 ރައްޔިތުންގެ ހައްގު ނިގުޅައިގަތުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ދަނީ ބުނަމުންނެވެ.