ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ސަރުކާރުން ހުށަހަޅާފައިވާ ފަސް ބިލެއް މަޖިލީހަށް ބަލައިގަނެ، އެ ބިލްތައް ދިރާސާ ކުރުމަށް ކަމާބެހޭ ކޮމެޓީތަކަށް ފޮނުވައިފިއެވެ.
އެބިލްތައް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައި ވަނީ މާބޮޑު ބަހުސަކާ ނުލައެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކަމާބެހޭ ކޮމެޓީތަކަށް ފޮނުވާފައި ވަނީ، ސަރުކާރުގެ ފަރާތުން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން ހުށަހަޅުއްވާފައިވާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
އެބިލްތަކަށް ވޯޓަށް އެހިއިރު، ޖަލްސާގައި ތިއްބެވީ 27 މެމްބަރުންނެވެ. އެބިލްތައް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ހޯމަ ދުވަހުގެ ޖަލްސާ ވެސް އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓް ކުރައްވާފައެވެ. އިދިކޮޅު މެމްބަރު މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަނީ މަޖިލީހުގެ ރައީސާއި ޖަލްސާތަކުގެ ރިޔާސަތުގައި އިންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލެއް މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ ސޮޔާ އެކު މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވަނިކޮށް، އެމައްސަލައަށް ވޯޓެއް އެހުމެއް ނެތި ޖަލްސާތައް މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާތީ ކަމަށް ބުނެއެވެ.