އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި އިސްދައުރެއް އަދާކުރައްވާ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ރިޔާސީ އިންތިހާބާ ގުޅޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވޯޓަށް ނާހައި މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ނިންމާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އަށް ކަމަކަށް ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައި ވެއެވެ. އެގޮތުން ސަރުކާރުން ހުށަހަޅާފައިވާ ފަސް ބިލަކަށް ވޯޓަށް އަހައި، އެބިލްތައް މަޖިލީހަށް ބަލައިގަންނަން ފާސްކޮށް، ކަމާބެހޭ ކޮމެޓީތަކަށް އެ ބިލްތައް ދިރާސާ ކުރުމަށް ފޮނުވާފައި ވެއެވެ.
އެބިލްތަކަށް ވޯޓަށް އެހިއިރު ވޯޓުގައި ބައިވެރިވެފައި ވަނީ 27 މެމްބަރުންނެވެ. އެއީ އެވަގުތު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ޖުމްލަ މެމްބަރުންގެ އަދަދެވެ.
އެ ފަސް ބިލަށް ވޯޓަށް އެހުމަށް ފަހު ކޮމެޓީތަކުން ދިރާސާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ތިން ބިލަކަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ އިތުރު ތިން ބިލަށް ވޯޓަށް އެހުމަށް އެޖެންޑާގައި އެބައޮތް ކަމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ހުށަހެޅުއްވާފައިވާ އިސްލާހު ގެނައުމުގެ ބިލާއި ރިޔާސީ އިންތިހާބުގެ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހަޅާފައިވާ ގިނަ އިސްލާހުތަކެއް ހިމެނޭ ބިލެކެވެ.
އެ ތިން ބިލަށް ވޯޓަށް އެހުމުގެ ކުރިން މަސީހު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ އެ ފަދަ ގާނޫނުތަކަކަށް އިސްލާހު ގެންނައިރު، ބަލަންޖެހޭ ބެލުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މި ޖަލްސާއަށް ހާޒިރުވެ ވަޑައިގަންނެވި މެމްބަރުންގެ އަދަދުން އެފަދަ އިސްލާހުތަކެއް މަޖިލީހުން ފާސްކުރުމަށް ބޭނުންވާ ވަރަށް މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބެވި ކަމަށް ގަބޫލު ނުކުރެވޭ ކަމަށެެވެ. އެގޮތުން އެފަދަ އިސްލާހުތަކެއް ގާނޫނުތަކަށް ހުށަހެޅި ފާސްކުރާއިރު ގާނޫނުއަސާސީންނާއި މަޖިލީހުގެ ގަވާއިދުގައި ބުނާ އަދަދަށް މެމްބަރުން ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވެ މަސީހު ވަނީ އެ ތިން ބިލަށް ވޯޓަށް ނާހައި ހޯމަ ދުވަހުގެ ޖަލްސާ ނިންމަވާލައްވާފައެވެ. އެ ގޮތަށް ނިންމެވުމުގެ ކުރިން ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ހުރި އެކަމާ ބެހޭ މާއްދާތައް މަސީހް ވިދާޅުވެދެއްވިއެވެ.
މަޖިލީހުގައި 85 މެމްބަރުން ތިއްބަވައެވެ. ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ބުނަނީ ރައްޔިތުން އެމައްޗަށް އަމަލު ކުރަންޖެހޭ ގާނޫނުތައް ފާސްކުރެވޭނީ މަދުވެގެން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވާ ޖަލްސާއެއްގައި ނަގާ ވޯޓަކުން ކަމަށެވެ. ނަމަވެސް މީގެ ކުރިން އެ މައްސަލަ ފެންމަތިވުމުން އެ ގޮތަށް ފާސްކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ ނިންމަވާފައެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނަށް ނިހާނު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ)ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން، އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާ ކަމަށްޓަކައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާ ނަަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ، އެމީހަކު ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށެވެ.
މަޖިލީހުގެ ތަޅުމުގައި އެބިލަށް ބަހުސް ކުރައްވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި އިސްލާހުތައް ވަނީ ކޮމެޓީއަށް ހުށަހަޅާފައެވެ.
"ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހެއް ރިޔާސީ އިންތިހާބަށް ވާދަ ކުރެވޭނީ އެ ހިމާޔާތް ދޫކޮށްލިތާ 10 އަހަރަށް ފަހުން. އަދި ބޭރު ގައުމެއްގެ ޕާސްޕޯޓް ގެންގުޅެފައިވާ މީހެއް އެ ޕާސްޕޯޓް ދޫކޮށްލިތާ 10 އަހަރުވުން، މިއީ ވެސް ގެންނަންޖެހޭ ވަރަށް މުހިއްމު ދެ އިސްލާހު،" މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވިއެވެ.
އެ އިސްލާހުތަކަކީ ސީދާ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ވެރިޔާ ގާސިމް އިބްރާހީމަށް އަމާޒުކޮށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ސިޔާސީ ފަރާތްތަކުންނާއި ރައްޔިތުން ބުނެއެވެ.
ނިހާނު ހުށަހެޅުއްވި އެ އިސްލާހާއެކު އަލީ އާރިފް ހުށަހެޅުއްވި އިސްލާހުތައްވެސް އިސްލާހު ގެނައުމުގެ އެ ބިލަށް އިތުރުކުރަން މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ހުސައިން ހުށަހެޅި އިސްލާހަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީގެ އަދަދު 100،000ރ. އަށް އިތުރު ކުރުމަށެވެ. އިދާރީ ފީއެއްގެ ގޮތުގައި މިހާރު ނަގަމުން ދަނީ 40،000ރ. އެވެ. އެ އިސްލާހު ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
އެބިލް ފާސްވާނީ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ވޯޓަށް އަހައި، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
މަޖިލީހުގެ ތެރެއިން ސަރުކާރުން ބޭނުންހާ ކަމެއް ކުރަމުންދާއިރު، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ބައިވެރިއެއް ނުވެއެވެ. އިދިކޮޅު މެމްބަރުން ޖަލްސާތައް ބޮއިކޮޓް ކުރީ ގަދަބާރުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އިންނަވާތީ ކަމަށް ބުނެއެވެ.