އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އަށް މަރުހަބާ ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިބޫއަށް ރައީސް ޔާމީން ފޮނުއްވެވީ ހާއްސަ ސިޓީފުޅެއް ކަމަށެވެ. ނަމަވެސް އެ ސިޓީފުޅުގެ ތަފްސީލެއް މުއާޒު ވިދާޅެއް ނުވެއެވެ. އަދި ރައީސް އޮފީހަކުން ވެސް އެ ސިޓީގެ ތަފްސީލެއް މިހާތަނަކަށް އާންމުކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅޭ ގޮތުން އިބޫގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
"Raeesuljumhooriyaa, @MDPSecretariat ge Riyaasee Candidate @ibusolih ah maruhabaa vidhaalhuve khaassa sitee fulheh fonuvvaifi." -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) July 2, 2018
ރައީސް ޔާމީން، އިބޫއަށް މަރުހަބާ ވިދާޅުވެފައިވާއިރު، އޯލް ޕާޓީ ޓޯކްސްގެ ޗެއާމަން އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ވަނީ އިބޫއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރާ އެކު މަޝްވަރާތައް ފެށުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ވެވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވި 791 މަންދޫބުންގެ އިއްތިފާގުންނެވެ. އެ މެމްބަރުން އެގޮތަށް ވޯޓު ދެއްވީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.
އެ ގަރާރުގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ނަން ހުށަހެޅުމަށް ހުޅުވާލާ ހިސާބުން ވެސް ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އެމަނިކުފާނު ކަމަށެވެ.