ރައީސުލްޖުމްހޫރިއްޔާ އަބްދުލްﷲ ޔާމިން އަބްދުލްގައްޔޫމް ށ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޔާމިންގެ މި ދަތުރުފުޅުގައި ށ. ބިލަތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށާއި، ށ. ކަނޑިތީމު ބަނދަރު ހުޅުވައިދެއްވުމަށާއި، ށ. ފުނަދޫ އެއަރޕޯޓް ބިންހިއްކުމުގެ މަސައްކަތް ނިމުން ފާހަގަކުރުމާއި، ރަންވޭ އެޅުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށާއި، ށ. މިލަންދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ދިނުން ރަސްމީކޮށް ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.