ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ސަރުކާރުން ހުށަހަޅާފައިވާ ފަސް ބިލަކަށް ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވާއިރު، މާބޮޑު ބަހުސަކާ ނުލައި ބިލްތައް ނިންމަން މަޖިލީހުން މަސައްކަތް ފަށައިފިއެވެ.
މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފަސް ވަނަ ޖަލްސާގެ އެޖެންޑާގައި އިބްތިދާއީ ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައި ވަނީ، ސަރުކާރުގެ ފަރާތުން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން ހުށަހަޅުއްވާފައިވާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ.
ފަހަރަކު ބިލަކުން، އެބިލްތައް މަޖިލީހަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް އެއްވެސް މެމްބަރަކު ބަހުސް ކުރައްވާފައެއް ނުވެއެވެ. ނަމަވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްހާލު ގެނައުމުގެ ބިލަށް ސަރުކާރަށް ނިސްބަތްވާ ހަތަރު މެމްބަރަކު ބަހުސް ކުރައްވާފައިވާފައި ވެއެވެ.
އެބިލްތައް މަޖިލީހަށް ބަލައިގަތުމަށް ނަގަންޖެހޭ ވޯޓު ނެގުން މެންދުރުފަހު 13:30ގެ ދަންފަޅީގައި އޮންނާނެއެވެ.
ހޯމަ ދުވަހުގެ ޖަލްސާ ވެސް އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓް ކުރައްވާފަ އެވެ. އިދިކޮޅު މެމްބަރު މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަނީ މަޖިލީހުގެ ރައީސާއި ޖަލްސާތަކުގެ ރިޔާސަތުގައި އިންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލެއް މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ ސޮޔާ އެކު މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވަނިކޮށް، އެމައްސަލައަށް ވޯޓެއް އެހުމެއް ނެތި ޖަލްސާތައް މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާތީ ކަމަށް ބުނެއެވެ.