އަތޮޅު ތެރެއިން މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ މާލެ ދަފްތަރުގައި ޖެހުމުގެ ފުރުސަތު ހުޅުވާލީ ވޯޓާރސް ލިސްޓް ގަޑުބަޑުކުރުމަށް ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ބޭއްވި ކެބިނެޓުން ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުންގެންދިޔަ ބައެއް މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށެވެ. އެގޮތުން ދަފްތަރުގައި ޖެހުމުގެ ފުރުސަތު އަލުން ހުޅުވާލައި، ދަފްތަރު ބެލެހެއްޓުން ވެސް ވަނީ ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
ސަރުކާރުގެ އެ ނިންމުމަށް ފާޑުވިދާޅުވެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، ދަފްތަރަކީ މިހާރު ވެސް، ކުރިއެކޭ އެއްގޮތަށް ހުޅުވާލާފައި އޮންނަ ލިސްޓެއް ކަމަށެވެ. އަދި އިންތިހާބަށް މިހާ ގާތްވެފައި ވަނިކޮށް، އަދި އިސްލާހުކުރެވުނު ވޯޓާރސް ލިސްޓު އާންމުކުރެވިފައިވަނިކޮށް، ދަފްތަރު ހުޅުވާލާނެ ކަމަށް ވިދާޅުވުމަކީ ވޯޓާރސް ލިސްޓް ގަޑުބަނޑުކުރުމަށް ހުޅުވޭ ދޮރެއް ކަމަށް ޝަމާއު ވިދާޅުވިއެވެ.
Ekiyaa dhaftharaky Mihaaruves kuriekey ehgothah hulhuvifa oiy list eh. Inthihaabah mihaa gaaiy vefa ovvaa, islaah kurevunu Voters list miadhu aanmu kohfaa ovvaa,alun dhaftharu hulhuvaalaane kamah vidhaalhuvumaky,Voters list gadubadu kurumah hulhuvey dhoreh
— Shamau Shareef (@schamau) July 1, 2018
ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ދާޅުވީ ދަފްތަރު އަލުން ހުޅުވާލުމަށް ސަރުކާރުން ނިންމީ ކެބިނެޓުގައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.
ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ނިންމި މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ފްލެޓް ދޫކުރުމުގައި ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވުމުގެ ސަބަބުން ކަމަށެވެ. އަދި ދަފްތަރުގައި ތިބޭ ރައްޔިތުންނަށް ހާއްސަ ކެޓަގަރީއެއް ހާއްސަކޮށްފައިވާ ކަމަށާއި، އެެއީ ވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވެހިކަން ހޯދައިދިނުމަށް ކުރައްވާ ކަމެއް ކަމަށް މިނިސްޓަރު މިއިއްޒް ވިދާޅުވިއެވެ.