ފާއިތުވި ޖޫން މަހުގެ ފަހު ހަފުތާގައި ރާއްޖޭގެ ހަތަރު އަތޮޅަކުން މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ފުލުހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ޖޫން މަހުގެ އެންމެ ފަހު އޮޕަރޭޝަންގައި އެކަނި ވެސް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ތިން މީހަކު ހައްޔަރު ކޮށްފައެވެ.
ފުލުހުން ބުނީ ޖޫން 29 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނަކާއި އަދި 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. ވިލިމާލެއިން މި ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، އެ ތިން މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 52 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ދީފައެވެ.
އޭގެ އެއް ދުވަސް ކުރިން އއ. ރަސްދޫގެ ފުލުހުން ވަނީ ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅޭކަމުގެ މައޫލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާ އެކު މީހަކު ހައްޔަރު ކޮށްފައެވެ. ޖޫން 27 ވަނަ ދުވަހުގެ ހަވީރު ހިންގި އެ އޮޕަރޭޝަންގައި ހައްޔަރު ކޮށްފައި ވަނީ 21 ގެ ދިވެއްސެކެވެ. އެ މީހާ ހައްޔަރު ކޮށްގެން ބަލައި ފާސްކުރި ކުރުމުން މަސްތުވާއެއްޗެއް އަޅާފައި ހުރި ކަމަށް ޝާއްކު ކުރެވޭ 6 ރަބަރު ކޮތަޅު ވަނީ ފެނިފައެވެ.
ފުލުހުން ބުނި ގޮތުގައި ހަމަ އެދުވަހު އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މާލެއިން މަހިބަދޫއަށް ލޯންޗަކުން ފޭބި މީހަކު މަހިބަދޫ ބަނދަރު ސަރަހައްދުން ހައްޔަރުކޮށް، އޭނާ ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބުލެޓް ސައިޒްގެ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. އޭނާގެ ބަންދަށް އެ ރަށުގެ ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.
އޭގެ އިތުރުން ފ. ނިލަންދޫއަށް ޖޫން 25 ވަނަ ދުވަހު ދިޔަ ލޯންޗެއް ބަލައި ފާސް ކުރުމުން ވެސް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓްތަކެއް ފެނިފައިވާ ކަމަށާއި އޭގެ ތެރިއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ޕެކެޓް ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ވޭތޯ ބެލުމަށް ފުލުހުންނަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ އެ މައުލޫމާތު ވަނީ ސާފު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެހެން ނަމަވެސް ޖޫން 28 ވަނަ ދުވަހު ފުލުހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.