އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިނިވަންކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދަވާނެ ކަމަށް ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްއަށް ފަހު ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވި ގޮތުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ހަމަށެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ނަން ހުށަހެޅުމަށް ހުޅުވާލާ ހިސާބުން ވެސް ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ މި ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެ މަނިކުފާނު ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓްގެ ގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކުރި މައްސަލައިގައި ރައީސް ނަޝިދުގެ މައްޗަށް ކުރިން އުފުލާފައި އޮތް ދައުވާ، ޓެރަރިޒަމްގެ ދައުވާ އަށް ބަދަލުކޮށް އަވަސް އަރުވާލައިގެން ހިންގި ޝަރީއަތުން 13 އަހަރުގެ ޖަލު ހުކުމެއް އެ މަނިކުފާނަށް އިއްވާފައިވާއިރު، ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެތީ އިންތިހާބުގައި ވާދަ ނުކުރައްވަން އެ މަނިކުފާނު ވަނީ ނިންމަވައިފަ އެވެ.އަދި އިބޫ އަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދަށް އިއްވާފައިވާ ހުކުމަކީ ބޭއިންސާފު ހުކުމެއް ކަމަށް އދ. އިން ކަނޑައަޅާފައިވާއިރު، ގިނަ ގައުމުތަކަކުން ވެސް ނަޝީދު މިނިވަންކުރުމަށާއި އެ މަނިކުފާނީ ހައްގުތައް އަނބުރާ ދިނުމަށް ދިވެހި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޔޫތު މިނިސްޓަރަކަށް ވެސް ހުންނެވި ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން ހުއްޓާނުލައި ރައީސް ނަޝީދު މިނިވަންކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި ޕާޓީގެ މެމްބަރުން ނިންމާފައިވާ ގޮތަށް، ރައީސް ނަޝީދަށް ޓިކެޓް ހޯއްދަވައިދިނުމަށާއި، ރައީސް ނަޝީދު މިނިވަންކުރުމަށް އެމްޑީޕީން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަަނޑުމެން ގަބޫލެއް ނުކުރަން މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަކަށެއް ރައީސް ނަޝީދަށް ބައިވެރިނުވެވޭ ގޮތަށް އެ ހިންގާ އިންތިހާބަކީ، އެނގޭތޯ. އޭގެ މާނަކީ އަޅުގަނޑުމެން އެ އިންތިހާބު ބޮއިކަޓްކުރާ ވާހަކައެއް ނޫން އަދި. އެހެންނަމަވެސް މިނިވަން އިންސާފުވެރި އންތިހާބަކަށް ވާނީ އެ ބަޔަކު އިހުތިޔާރުކުރާ ކެނޑިޑޭޓަކު ދައްކައިިގެން، ކެނޑިޑޭޓަށް ވާދަކުރެވޭނެ ގޮތަށް އޮންނަ އިންތިހާބެއް،" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލާފައިވާއިރު، މަޝްވަރާއަށްދާންޖެހޭ ވަރުގެ ކަމެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، ބަދަލުގައި ހުރީ ސަރުކާރުން ކުރަންޖެހޭ ކަންތައްތަކެއް ކުރުން ކަމަށެވެ. ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވުމާ ގުޅޭ ގޮތުން އެމްޑީޕީން ވެސް އަދި ގުޅިފައިވާ ޕާޓީތަކުން ވެސް އަދި ގޮތެއް ނިންމާފައިނުވާކަން ހަސަން ފަހަގަކުރެއްވިއެވެ.