ހޮނިހިރު ދުވަހު ބޭއްވި ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ގެ ތިން ވަނަ ކޮންގްރެސް އިން އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ނިންމުމާ ގުޅިގެން އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައި މަޝްވަރާ އަށް އައުމަށް ގޮވާލައިފިއެވެ.
ސަރުކާރުން މަޝްވަރާ އަށް ދައުވަތު ދިނީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރު ތަމްސީލް ކުރާ އިސް މަންދޫބު ނުވަތަ އޯލް ޕާޓީ ޓޯކްސްގެ ޗެއާޕާސަން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައެވެ. ޝައިނީ މި ބަޔާން ނެރުއްވިއިރު، މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫ އަށް ދޭން ނިންމުމަކީ ސިޔާސީ ހަމަޖެހުމާއި ދިމާއަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށާއި އިބޫއަކީ ޤާނޫނު އަސާސީގައި ބުނާ ޝަރުތުތައް ފުރިހަމަވާ ބޭފުޅެއް ކަމަށެވެ. އޯލް ޕާޓީ ޓޯކްސްގެ ޗެއާޕާސަން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ބަޔާން ނެރުއްވާފައި ވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓުގެ ފަހުންނެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމަށް މިދިޔަ ހަފުތާގައި ބެލްޖިއަމަށް ދިޔަ ދިވެހި ސަރުކާރުގެ އިސްވެރިންގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ޝައިނީ ނެރުއްވި ބަޔާނުގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޝަރުތު ހަމަވާ ކެންޑިޑޭޓަކާ އެކު އެމްޑީޕީން ރިޔާސީ އިންތިޚާބަށް ނުކުތުމަކީ، ދިވެހި ސަރުކާރުން ދެކޭ ގޮތުގައި ޑިމޮކްރަސީ ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅެއް ކަމަށާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބަކަށް ކޮށުނު މަގެއް ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނީ އެމްޑީޕީން ކޮންގްރެސްގައި އެޅި ހަރުދަނާ ފިޔަވަޅުގެ ސަބަބުން މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް މަޝްވަރާކޮށް އެފަދަ އިންތިޚާބަކަށް މަގުފަހި ކުރުމަށްޓަކައި އަދި ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ކުރިއަށް ދިއުމަށްޓަކައި މަޝްވަރާ އަށް މަގުހުޅުވިފައިވާ ކަމަށެވެ.
އަދި މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ ރިޔާސީ އިންތިޚާބެއް މި އަހަރު ބޭއްވުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް އައުމަށް އަނެއްކާ ވެސް ގޮވައިލައްވާ ކަމަށް ވެސް ޝައިނީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅި އިބޫ އަކީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީ ތަމްސީލް ކުރައްވާ އެންމެ އިސް ބޭފުޅާ ވެސް މެ އެވެ.
ބަޔާނުގައި އިތުރަށް ޝައިނީ ވިދާޅުވީ، ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ލަފާދިނުމަށްޓަކައި އުފައްދާފައިވާ ކޮމެޓީ ނުވަތަ "ނެޝަނަލް އެޑްވައިޒަރީ ކޮމިޓީ"، އެމްޑީޕީ އިން ބޯއިކޮޓް ކޮށްފައި އޮތް އޮތުން އަނބުރާ ގެންގޮސް، އޮމާން ކަމާއެކު ރިޔާސީ އިންތިޚާބެއް ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރު ތަމްސީލް ކުރާ އިސް މަންދޫބު ނުވަތަ އޯލް ޕާޓީ ޓޯކްސްގެ ޗެއާޕާސަން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާދީއްތަ ދުވަހު ނެރުއްވި ބަޔާން ނިންމަވާލައްވަމުން ވިދާޅުވީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވާ ޕާޓީތަކުގެ މަސްލަހަތު އެއްފަރާތްކޮށް ގައުމީ މަސްލަހަތު އިސްކޮށް، ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާގެ މޭޒުގައި އިށީދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސުމާ އެކު ސަރުކާރުން މަޝްވަރާ އަށް ގޮވާލި އިރު ދޭތެރެ ދޭތެރެއިން މަޝްވަރާއަށް ގޮވާލައެވެ. އެހެންނަމަވެސް މިފަދަ އެއްވެސް މަޝްވަރާއަކުން މާބޮޑު ކުރިއެރުމެއް ނުލިބޭތާ އެދެވޭ ނަތީޖާއެއްވެސް ލިބިފައެއް ނުވެއެވެ.