ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ ގޮތުން "އަހަން" ކެމްޕޭންގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ވ.އަތޮޅުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ހިންގައިފިއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ މި ކެންޕޭންގެ ދަށުން 122 ކުދިންނަށް އެމިނިސްޓްރީން ސެޝަންތައް ހިންގާފައިވާކަމަށެވެ.
ގުރޭޑު ހަތަރަކުން އަށަކާއި ދެމެދުގެ ގްރޭޑުތަކުގެ ކިޔަވާ ކުދިންނަށް ހާއްސްކޮށްގެން ބޭއްވި އެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 27 އިން 28 އަށް ވ.އަތޮޅު ފުލިދޫ، ފެލިދޫ އަދި ކެޔޮދޫގައެވެ.
މި ސެޝަންތަކުގައި އެކި ބާވަތުގެ އަނިޔާއާއި އިހުމާލުން ކުޑަކުދިން ރައްކައުތެރިކުރާނެ ގޮތްތަކާއި، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ ނުވަތަ ޝައްކުކުރެވޭނަމަ ޢަމަލުކުރާނެ ގޮތްތަކާއި، މައްސަލަ ރިޕޯޓުކުރެވޭނެ ގޮތްތަކުގެ އިތުރުން، އަނިޔާ ތަޙައްމުލުކުރާ ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކުގެ މައުލޫމާތު އެކުދިންނަށް ވަނީ ހިއްސާކޮށްފައެވެ.
މި ސެޝަންތަކަކީ އެމިނިސްޓްރީން ކުރިއަށްގެންދާ "އަހަން"ކެމްޕޭންގެ ދަށުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.
މިނިސްޓްރީއަށް ކޮންމެ މަހަކު ރިޕޯޓުކޮށް އެޓެންޑްކުރާ މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތައަށް ވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައްކަމުން، 2015ވަނަ އަހަރު އެމިނިސްޓްރީން އިފުތިތާހުކުރި "އަހަން" ކެމްޕޭން އަމާޒުކުރެވިފައިވަނީ މި ބާވަތުގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.