ސިޓީ ކައުންސިލަށް އެއްވެސް ކަމެއް ނުކުރެވުނު ކަމަށާއި، ބަޖެޓް ނެތްކަމަށް ބުނެ ކައުންސިލުން ހަދާފައިވާ ދޮގުކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެއާއި ވިލިމާލޭގައި ސަރުކާރުން އަޅާފައިވާ ހައުސިންގ ޔުނިޓްތައް ބެލެހެއްޓުން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ނިންމިކަން ހާމަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒް ވިދާޅުވީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ސިޓީ ކައުންސިލަށް ގިނަ ފުރުސަތުތަކެއްދިން ކަމަށެވެ. އެގޮތުން ފްލެޓްތައް ބެލެހެއްޓުން ސިޓީ ކައުންސިލާއި ހަވާލުކޮށްވެސް އެތަށް ފުރުސަތެއްދިން ކަމަށާއި، ނަމަވެސް ކައުންސިލަށް އެއްކަމެއްވެސް ނުކުރެވުނު ކަމަށެވެ. އަދި އެއްކަމެއްވެސް ނުކުރެވުނުތަނުގައި ކައުންސިލުން ވަނީ ނިޒާމްގެ ނާޖާއިޒް ފައިދާ ނަގާފައިކަމަށް މިނިސްޓަރު ތުހުމަތުކުރެއްވި އެވެ.
ފްލެޓްތައް މަރާމާތުކުރުމަށް ކައުންސިލަށް އެކަށީގެންވާ ބަޖެޓެއް ނުދޭއިރު، މިނިސްޓަރު މުއިއްޒް ވިދާޅުވީ ކޮންމެ އަހަރަކުވެސް ކައުންސިލުން އެދި ހުށައަޅާ މިންވަރަށް ބަޖެޓްދޭ ކަމަށެވެ. އެހެންކަމުން ބަޖެޓް ނެތްކަމަށް ބުނެ ކައުންސިލުން ހަދަނީ ދޮގުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެބޭފުޅުންނަށް ކޮންމެ އަހަރަކުވެސް މިތަންތަން މަރާމާތުކުރުމަށް އަދި ބެލެހެއްޓުމަށްޓަކައި ފައިސާ ހަމަ އެބޭފުޅުންނަށް، އެބޭފުޅުން އެދޭވަރަކަށް، ހުށައަޅާފައި އޮތް ވަރަކަށްދީފައި އޮތީ، އެނގޭތޯ. އެހެންވީމައި ބަޖެޓްގައި ފައިސާ ނެތިގެނެއް ނޫން މި އުޅެނީކީ." މިނިސްޓަރު މުއިއްޒް ވިދާޅުވި އެވެ.
ބަޖެޓް ނެތި، އަދި ފްލެޓްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސިޓީ ކައުންސިލުން އެއްވެސް އިރެއްގައި އެދިފައިވޭތޯ ސުވާލުކުރުމުންވެސް މިނިސްޓަރު ވިދާޅުވީ މިނިސްޓްރީއާއި މަޝްވަރާއެއް ކުރުމަށް އެއްވެސް އިރެއްގައި ކައުންސިލުން އެދިފައިނުވާކަމަށެވެ. ނަމަވެސް މިނިސްޓްރީ ކައުންސިލާއެކު މަޝްވަރާތައް ކުރިއަށްގެންދިއުމަށް ދައުވަތުދެއްވިކަމަށާއި، އެ ބައްދަލުވުމަށްވެސް ސިޓީ ކައުންސިލުން ވަޑައިގެންފައިނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެބޭފުޅުންނަށް ދެކޮޅުޖެހޭ އެއްވެސް ވާހަކައެއް ފާހަގަކުރެވޭނެ ހެންނެއް ހަޤީޤަތާއި އެއްގޮތަށް އެބޭފުޅުން އެއްޗެއް ވިދާޅުވާކަމުގައިވަންޏާ. އެ ބޭފުޅުން އެ ވިދާޅުވާ އެއްވެސް ވާހަކައަކީ ޒިންމާދާރުކަމާއެކު ވިދާޅުވާ ވާހަކައެއް ނޫން. ހަޤީޤަތަކާއި އެއްގޮތަށް ވިދާޅުވާ ވާހަކައެއް ނޫން" ސިޓީ ކައުންސިލަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުން މިނިސްޓަރު މުއިއްޒް ވިދާޅުވި އެވެ.
ހަތަރު އަހަރުވީއިރު، ފްލެޓްތަކުގައި އުޅޭ ރައްޔިތުންގެ ހާލު ސަރުކާރަށް ނޭނގުނީ ކީއްވެތޯ އާއި، ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތެއްގައި ފްލެޓްތަކަށް ވަޑައިގެންނެވުމުން އެކަން އެނގުނުއިރު، އެކަމުގައި ހަމައެކަނި ކައުންސިލް ބަދުނާމްކުރުމަށްފަހު ނިންމާލެވިދާނެތޯ ސުވާލުކުރުމުން މިނިސްޓަރު މުއިއްޒް ވިދާޅުވީ، އޭރުގައި އެކަމާއި އަޅާނުލީ ސިޓީ ކައުންސިލަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި މީގެކުރިން ފްލެޓްތަކަށް ޒިޔާރަތް ނުކުރިނަމަވެސް، އެ ސަރަހައްދުގެ ކުނި އުކާލުން ފަދަ ބައެއް ކަންކަން ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ގެނައި ބަދަލާއެކު ދެން ފްލެޓްތަކުގެ ކަންތައްތައް ބަލަހައްޓާނީ ހައުސިންގ މިންސްޓްރީންނެވެ. އަދި ކުލި ބަލައިގަތުމާއި އެހެނިހެންކަންތައްތައްވެސް ކުރާނީ ހައުސިންގ އިންނެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި ގެނެވުނު ބަދަލާއެކު ހަރުދަނާގޮތެއްގައި ފްލެޓްތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.