އަތޮޅު ތެރެއިން މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ މާލެ ދަފްތަރުގައި ޖެހުމުގެ ފުރުސަތު ހުޅުވާލުމަށް ސަރުކާރުން ނިންމައިފި އެވެ.
ދަފްތަރުގައި ޖެހުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމިކަން ހާމަކުރެއްވީ، ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއިއްޒް ވިދާޅުވީ ދަފްތަރު އަލުން ހުޅުވާލުމަށް ސަރުކާރުން ނިންމީ ކެބިނެޓުގައި އެކަމާއި ގުޅެގޮތުން މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.
މިނިސްޓަރު މުއިއްޒް ވިދާޅުވީ އެ ބަދަލު ގެނައުމާއެކު ދަފްތަރުގެ ކަންކަން ބަލަހައްޓާނީ ހައުސިންގ މިނިސްޓްރީން ކަމަށެވެ. އަދި ދަފްތަރު ބެލެހެއްޓުމުގައި ސިޓީ ކައުންސިލްއިން ވަރަށް ބޮޑު އިހުމާލެއްވެފައިވާކަމަށާއި، ދަފްތަރުގައި ޖެހި ފްލެޓަށް އެދުމުގެ ފުރުސަތުވެސް ސިޓީ ކައުންސިލުން ގެއްލުވާލައިފައިވާކަމަށެވެ.
ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ނިންމި މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ފްލެޓް ދޫކުރުމުގައި ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވުމުގެ ސަބަބުން ކަމަށެވެ. އަދި ދަފްތަރުގައި ތިބޭ ރައްޔިތުންނަށް ހާއްސަ ކެޓަގަރީއެއް ހާއްސަކޮށްފައިވާކަމަށާއި، އެެއީވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވެހިކަން ހޯދައިދިނުމަށް ކުރައްވާ ކަމެއް ކަމަށް މިނިސްޓަރު މިއިއްޒް ވިދާޅުވި އެވެ.
"މިބަދަލާއެކު، ދަފްތަރުގައިޖެހި ފްލެޓަށް އެދުމުގެ ފުރުސަތު ގެއްލިފައިވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެ." މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ދަފްތަރުގައިޖެހުމަށް އަނެއްކާވެސް ފުރުސަތު ހުޅުވާލާއިރު، ދަފްތަރުގައިޖެހުން ހުއްޓުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ސަރުކާރުގައި އެކަން ހުއްޓުވުމަށް ގެނައީ، މާލޭގެ ތޮށްޖެހުން ހުއްޓުމަކަށް ގެނައުމުގެ ގޮތުންނެވެ. އަދި އެކަން އެގޮތަށް ކޮށްފައިވަނީ އެ ސަރުކާރުގެ ބޯ ހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން އަތޮޅު ތެރޭގައި ފްލެޓްތައް އެޅުމަށް ނިންމުމަށްފަހުގަ އެވެ.