އެމްޑީޕީގެ ކޮންގްރެސްއިން ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް ނިންމުމަކީ ސިޔާސީ ހަމަޖެހުމާއި ދިމާއަށް އެޅި ރަނގަޅު ފިޔަވަޅެއްކަަމަށާއި، އިބޫއަކީ ޤާނޫނު އަސާސީގައި ބުނާ ޝަރުތުުތައް ފުރިހަމަވާ ބޭފުޅެއްކަމަށް ރައީސް ޔާމީންގެ އަރިސް ވަޒީރެއްކަމަށްވާ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝަރުތުތައް ފުރިހަމަނުވާކަމަށް ވިދާޅުވެ، ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދޭނެކަމަށް ފެނިވަޑައިގަތުމުން، އެމަނިކުފާނު ވަނީ ރިޔާސީ ޓިކެޓް ދޫކޮށްލައްވާފައެވެ. އަދި އެއާއިއެކު އެމްޑީޕީގެ އަސާސީ ޤަވާޢީދު އިސްލާހުކޮށް، އއ. އުކުޅަހުގައި ހޮނިހިރު ދުވަހު ބޭއްވި އެޕާޓީގެ 3 ވަނަ ކޮންގްރެސްގައިވަނީ އިބޫއަށް ރިޔާސީ ޓިކެޓް ދީފައެވެ.
MDP congress decision to nominate Hon MP @ibusolih as presidential candidate, who meets the constitutional criteria is a step towards political reconciliation. Hope honest campaigning can start now.
— Mohamed Shainee (@mshainee) July 1, 2018
އިބޫއަށް ޓިކެޓް ދިނުމާއި ގުޅިގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ޝައިނީ ވިދާޅުވީ މިހާ ހިސާބުން އިޚްލާސްތެރި ކެމްޕޭނެއް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. ކެމްޕޭން ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށް ޝައިނީ ވިދާޅުވިިރު، 'ޖަޒީރާ ރާއްޖެ'ގެ ނަމުގައި އެމްޑީޕީއިން ކުރި ކެމްޕޭނަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ.
ނިމިދިޔަ ހަފްތާގައި އެމްޑީޕީއިން ކުރި ކެމްޕޭންގައި ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތްތަކެއް ހިންގިއިރު، ފުލުހުން ވަނީ އެތަނަށް ގޮސް، ޕޯސްޓަރތައް ނައްޓާލައި، މީހުންގެ އަތުގައި ހުރި ޕޯސްޓަރތައް ޖަހައިގެންފައެވެ. އަދި ބައެއް މީހުން ހައްޔަރުވެސް ކުރިއެވެ. އިބޫއަށް ކެންޑިޑެސީ އެމްޑީޕީއިން ހަވާލުކުރިއިރު، އިބޫވެސް ކެމްޕޭން ކުރައްވާނީ 'ޖަޒީރާ ރާއްޖެ' ކެމްޕޭން ޕްލެޓްފޯމްގައެވެ. އަދި ފުލުހުން ހުއްޓުވާފައިވާ ކެމްޕޭން ޕޯސްޓަރުތައް ހަރުކުރުމުގެ ހަރަކާތުގައި ތަތްކޮށްފައިވާ ޕޯސްޓަރުތަކުގައި ރައީސް ނަޝީދުގެ ނަންފުޅެއް ނުވަތަ ފޮޓޯފުޅެއްވެސް ނެތެވެ.