ފްލެޓްތައް ބެލެހެއްޓުން ހައުސިންގ މިނިސްޓްރީ އަށް ބަދަލުކުރަން ކެބިނެޓުން ރައީސް އަބްދުﷲ ޔަމީންއަށް ލަފާ އަރުވައިފި އެވެ.
ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާލެ، ވިލިމާލޭގައި ހުރި ސޯޝަލް ހައުސިންގ ފްލެޓްތައް ބެލެހެއްޓުމުގައި އަދި އެ ފްލެޓްތަކުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސިޓީ ކައުންސިލް އިން އިންތިހާއަށް އިހުމާލުވެފައި ވާތީ މި ފްލެޓްތަކުގެ އެންމެހާ ޒިންމާތައް ހައުސިންގ މިނިސްޓްރީ އަށް ބަދަލުކުރުމަށް ކެބިނެޓުން ރައީސް އަށް ލަފާ އަރުވައިފި ކަމަށެވެ.
Male,Vilimale gai huri social housing flat thah belehettumugai adhi e flat thakuge rayyithunnah khidhmai dhinumugai City Council in inthihaa ah ihmaalvefaivaathee mi flat thakuge emmehaa zimmaathah Housing Ministry ah badhalukurumah Cabinet in RaeesulJumhooriyya ah lafaa aruvaifi
— Dr.Mohamed Muizzu (@MMuizzu) July 1, 2018
މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާއި ބެހޭ ގޮތުން ސިޓީ ކައުންސިލް ބަދުނާމުވާ ގޮތަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވާހަކަ ދައްކަވާފައިވެ އެވެ. އެ ވާހަކަތަކާ ގުޅިގެން މާލޭގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް އޭރު ވިދާޅުވެފައި ވަނީ ފްލެޓްތަކުގެ ޙާލަތު ދަށްވެފައިވާކަން މިނިސްޓަރ މުއިއްޒަށް އެނގިވަޑައިގަތީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް އެ ފްލެޓްތަކަށް އަލަށް ވަޑައިގެންނެވުމުންކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި ފްލެޓްތަކަށް މުއިއްޒުގެ ޓީމް ވަޑައިގަތީ ޖޫން މަހު ފަހުކޮޅު އެވެ.
ފްލެޓްތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރީ ނަމެއްގައި ކަމަށާއި، އެތަންތަން މަރާމާތުކޮށް ބަލަހައްޓާނެ ފައިސާ ސިޓީ ކައުންސިލަށް ދީފައި ނުވާކަމަށް ޝަމާއު ވިދާޅުވިއެވެ.