ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުންގެ ތާއިދު އޮތީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް އެ މެމްބަރުން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެއް ދައުރަށް ވުރެ ގިނަ ދައުރު މަސައްކަތް ކުރައްވާފައިވާ ޕީޕީއެމްގެ މެމްބަރަކު ރާއްޖެއެމްވިއަށް ވިދާޅުވި ގޮތުގައި "އިބޫ ކެންޑިޑޭޓަކަށް ވުމަކީ ލިބުނު އުފަލެއް،" ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން ވަރަށް ބޮޑު ތާއިދެއް އިބޫއަށް އެބަ ގޮތް. ގިނަ މެމްބަރުން މިކޮޅުގައި [ޕީޕީއެމް] ތިބީ ބިރުން،" ކުރިމަތިވެދާނެ ގެއްލުމަކަށްޓަކައި ނަން ހާމަނުކުރުމަށް އެދިވަޑައިގެން މެމްބަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ އިތުރުން، ޕީޕީއެމްގެ ފަޅީގައި ތިއްބެވި ބައެއް ވިޔަފާރިވެރިންގެ ތާއިދު ވެސް އިބޫއަށް އެބަ އޮތެވެ. އެބޭފުޅުން ތިއްބެވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓަށް ތާއިދުކުރައްވައި، މިހާރު އޮތް ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިބޫ އަށް ތާއިދުކުރަނީ ކޮންމެހެން، ރައީސް ނަޝީދު ގޯސްވެގެނެއް ނޫން. ރައީސް ނަޝީދާމެދު ބައެއް މީހުން ދެކޭ ގޮތުން. ނަމަވެސް ސިފައިންނާއި ފުލުހުން އަދި ބައެއް މުއައްސަސާތަކުގައި ވެސް އިބޫއާމެދު ހުރީ ޕޮޒިޓިވްކޮށް. އެންމެ ރަނގަޅު ކެންޑިޑޭޓް އެއީ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އެހެން މެމްބަރަކު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަރިހުގައި ހުންނެވި ނަމަވެސް، އިންތިހާބުގައި އޭނާ ވެސް ތާއިދު ކުރައްވާނީ އިބޫ އަށެވެ.
"އިބޫއާއެކު މިކަން [ރައީސް ޔާމިންގެ ވެރިކަން" މާ ފަސޭހައިން ވެސް ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ކެމްޕޭނު ޓީމަށް ވެސް ގަބޫލުކުރެވޭ ގޮތުގައި، ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވާނީ ރައިސް ޔާމީނެވެ.
"ރައީސް ޔާމީން ވެސް ގަބޫލުކުރައްވަނީ ރަނގަޅު އަދަދަކުން ކާމިޔާބު ކުރެއްވޭނެ ކަމަށް. އެ ނޫން މަންޒަރެއް އެބޭފުޅުންނަށް ނުފެނޭ،" މެމްބަރަކު ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، ގުޅިފައިވާ ޕާޓީތައް އެކަތިގަނޑެއްގެ ގޮތުގައި ދެމި އޮވެއްޖެ ނަމަ މިހާރުގެ ސަރުކާރު ވަރަށް ބޮޑަށް ބަލިވާނެ އެވެ.
ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި އިންތިހާބުގެ ކަންކަން އިދިކޮޅު ކޯލިޝަނުން ކާމިޔާބުކުރައްވާނެކަން ކަށަވަރުކަމަށާއި، ނަމަވެސް އޮތް ކަންބޮޑުވުމަކީ "ސަރުކާރުން ދެން އަޅާނެ ފިޔަވަޅެއް ލަފާކުރަން ނޭނގުން" ކަމަށެވެ.
ނަން ހާމަކުރަން ބޭނުންނުވެ، ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވި ގޮތުގައި އިންތިހާބު ވަކިވަރަކަށް ކައިރިވުމުން އެ ބޭފުޅުން ވެސް ފާޅުގައި ބަސް ވިދާޅުވާނެ އެވެ.