ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އެންމެ ފަހުން ސިޔާދުގެ މައްޗަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމުގައި ސިޔާދު ގާސިމް މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ސާބިތު ކުރުމަށް ހުށަހަޅަންޖެހޭ އެންމެ މުހިއްމު ހެކި ދައުލަތުން ކޯޓަށް ހުށަހަޅާފައި ނުވާކަން ވަނީ ފަޅާއަރާފަ އެވެ.
އެގޮތުން ދައުލަތުން ސިއްރު ކޮށްދިނުމަށް އެދިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ހެއްކަކީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ "ސައިބަރޖަޔާ"އިން ލޭކް ފްރޮންޓް ވިލާތަކެއް ރިޒާވް ކޮށްފައިވާ ކަމަށްބުނެ، އެތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް، ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ބުނާ ހެކިތަކުގެ ޑޮކިއުމެންޓްތަކެކެވެ.
އެޑޮކިއުމަންޓް ހިމަނާފައިވަނީ 17 ވަނަ ޑޮކިއުމެންޓްގެ ގޮތުގައި ސިއްރު ލިޔުމެއްގެ ގޮތުގައެވެ. އެ ޑޮކިއުމަންޓްތައް ކޯޓަށް ހުށަހަޅާފައިވާކަމުގެ ސުވާލު އުފެދެން ފެށި ހިސާބަކީ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ސިއްރު ކޮށްފައިވާ އެ ޑޮކިއުމެންޓްގައި ވަނީ ކިތައް ސޮފްހާތޯ ސިޔާދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރު ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވުމުން، ދައުލަތުގެ ވަކީލުންނަށް ޖަވާބު ނުދެވުނު ހިސާބުން ނެވެ. އެހެންކަމުން 17 ވަނަ ޑޮކިއުމެންޓްގައިވާ ސޮފްހާގެ އަދަދެއް ދައުލަތުގެ ވަކީލުންނަށް ވިދާޅު ނުވެވުމުން ނުރުއްސަލާމް ވަނީ ދައުލަތުގެ ވަކީލުންނާ އިތުރަށް ސުވާލުތައް ކުރިމަތި ކުރުވާފަ އެވެ.
އެގޮތުން ދައުލަތުގެ ވަކީލުންނަށް ޖަވާބު ދެއްވުމަށް ދަތިވެ، އެންމެފަހުން ދައުލަތުގެ ވަކީލުން ވިދާޅުވީ އެ ހެކި އަދި ދައުލަތަށް ލިބިފައިނުވާކަމަށާއި ނަމަވެސް އެ ހެކި ހޯދިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ވަގުތުން ދިފާއީ ވަކީލުން ވިދާޅުވީ ސިޔާދުގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެއް ކަމަށާއި ސިޔާދު ކުރި އަމަލަކީ އޭރު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ "ސައިބަރޖަޔާ"އިން ލޭކް ފްރޮންޓް ރިޒާވް ކޮށްފައިވާ ވިލާތަކަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ބުނާ އަމަލު ކަމަށެވެ.
އެހެންނަމަވެސް އެތުހުމަތާއި ގުޅިގެން 100 އަށްވުރެ ގިނަ ދުވަހު ސިޔާދު ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅެ، ފުލުހުން ތަހުގީގު ހިންގައި، ޕްރޮސެކިއުޓަރ ޖެނަރަލް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލިއިރުވެސް، މައްސަލައިގެ އަސްލު ހެކި ދައުލަތަށް ހޯދިފައިނުވާ ކަމަށެވެ. އަދި ހޯދިފައިނުވާ ހެއްކެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރުމަކީ އަދި ޝަރީއަތް ހިންގުމަކީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުކަމެއް ކަމަށާއި މިދައުވާއަކީ މަދަނީ މިންގަނޑުންވެސް ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ވިދާޅުވެ، އެ ދައުވާ ބާތިލުކޮށް ދެއްވުމަށް ތަކުރާރުކޮށް ދިފާއީ ވަކީލުން އެދިލައްވަމުން ގެންދެވި އެވެ.
މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމްވެސް ދައުލަތުގެ ވަކީލުންނާ ސުވާލު ކުރިމަތި ކުރުވަމުން ގެންދެވި އެވެ. އަދި މެލޭޝިއާއިން ރިޒާވްކޮށްފައިވާ ވިލާތަކަށް ދަައްކަންޖެހޭ ފައިސާގެ ތެރެއިން ބައެއް ދައްކާފައިވާކަމަށް ބުނާއިރު، މެލޭޝިއާގެ އިތުރުން ރާއްޖެއިން ވެސް އެއްވެސް ހެއްކެއް ދައުލަތަށް މިހާތަނަށް ލިބިފައި ނުވޭތޯ ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ މިހާތަނަށް ދައުލަތަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެލިޔެކިޔުންތައް އެބަހުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.
ގާޒީ ހައިލަމް ވިދާޅުވެފައި ވަނީ މާދަމާ (މެއި މަހުގެ 21) މެންދުރު 12:00ގެ ކުރިން ދައުލަތުން ޑޮކިއުމެންޓް 17 ގައި ހިމަނަން ބޭނުންވާ ޑޮކިއުމެންޓްތައް ކްރިމިނަލް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މިދައުވާއާއިގެން ކުރިއަށް ދިއުމާމެދު ގޮތެއް ނިންމޭނީ އެ ޑޮކިއުމަންޓްތައް ހުށަހެޅުމުން ކަމަށްވެސް ގާޒީ ވިދާޅުވެފައި ވެއެވެ.
މިކަން ފެންމަތި ވުމާއި ގުޅިގެން މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ވިދާޅުވެފައިވަނީ އެ މައްސަލާގައި ސިޔާދާ ދެކޮޅަށް ބޭނުންކުރާ އެންމެ މުހިންމު ހެކި މިހާތަނަށް ވެސް ދައުލަތަށް ނުލިބޭ ކަން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހާމަވުމުން، ނުފޫޒު ފޯރާފައި ނެތް ފަނޑިޔާރު ގެއަކުންނަމަ މައްސަލައާ ގުޅިގެން ބަންދުގައިހުރި ފަރާތް މިނިވަންކޮށް، މައްސަލަ ކުރިއަށް ގެންދާނޭ ތަނެއް ނެތްކަމަށް ކަނޑައަޅަންޖެހޭނެކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް މަހަކަށް ވުރެ ގިނަ ދުވަސް، އެ އަޑުއެހުމަށްފަހު ވެސް ފާއިތުވެދިޔައިރުވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ. އެހެންކަމުން އެ ޑޮކިއުމަންޓްތައް ދައުލަތުން ކޯޓަށް ހުށަހެޅިކަން ނުވަތަ ނޫންކަން ވެސް އެނގޭކަށް ނެތެވެ.