ގުޅިފައިވާ ޕާޓީތަކުގެ ރަނިން މޭޓެއްގެ ކަނޑައެޅުން ލަސްނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށް ކަނޑައަޅާފައިވާއިރު، ރަނިން މޭޓަކީ ޖޭޕީގެ މެމްބަރެއްގެ ކަމަށް ވަނީ ނިންމައިފަ އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް އެމްޑީޕީގެ ކޮންގްރެސްއިން އިއްޔެ ފާސްކޮށްފައި ވަނީ، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޖޭޕީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑރ. ހުސައިން ރަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓަކު ކަނޑައެޅުމާއެކު، ރަނިން މޭޓެއް ކަނޑައެޅުން ވަރަށް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމުގެ އިޖުރާއަތްތަކާއެކު ކުރިއަށް ގެންދިއުމަށް ކައުންސިލްގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"އެކަމަށް [ރަނިން މޭޓްކަން] ބޭނުންވާ މީހުން އެބަ އުޅޭ. އެ ބޭފުޅުންނަށް ވެސް ކަމަށް ވަގުތުކޮޅެއް [ކެމްޕެއިންކުރަން] ބޭނުންވާނެ،" ޑރ. ހުސައިން ރަޝީދު ވިދާޅުވި އެވެ.
ޑރ. ހުސައިން ރަޝީދު ވިދާޅުވީ ރަނިން މޭޓަކު ކަނޑައަޅާނީ ކައުންސިލުން ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ވެސް ވަރަށް އަވަހަށް ފަށަންޖެހޭތީވެ، ރަނިން މޭޓަކު ކަނޑައެޅުން ލަސްނުކޮށް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަނިން މޭޓަކަށް ވުމަށް މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރޭގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކުރީގެ މިނިސްޓަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ މައުސޫމާއި، ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ކަނޑައެޅުމަށް ފެނިވަޑައިގަންނަވާ ކަމަށް، އެ ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.