ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުގައި ހުންނެވި ދުވަސްވަރަކީ އެމްޑީޕީގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެމަނިކުފާނު ސަލާމަތް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރެވުނު ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި އެމްޑީޕީން ބޭއްވި އެޕާޓީގެ ތިން ވަނަ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ޕާޓީގެ ނައިބު ރައީސްގެ މަގާމާ އޭނާ ހަވާލުވިއިރު ހިތަށް ގެނެވުނު އެތަށް ކަމެއް މި ފާއިތުވި ދުވަސްތަކުގައި ފެނިގެން ހިނގައްޖެ ކަމަށެވެ. ޚާއްޞަކޮށް ރައީސް ނަޝީދަށް ޕާޓީއާ ވަކިން އެހާ ދުރުގައި އެހާ ގިނަ ދުވަހު ހުންނަވަން ޖެހިވަޑައިގެންފާނެ ކަމަށް ޤަބޫލް ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދަށް ނުހައްގުނ، ބޭއިންސާފުން އެ ކުރެވުނު ހުކުމަށްފަހު ޖަލުގައި ބަންދުކުރެވުނު ދުވަހުން ފެށިގެން މިހިނގާދިޔަ ދުވަސްތައް އަޅުގަނޑުމެންނަށް ދިމާވީ ޕާޓީގެ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށް. އެންމެބޮޑު ހިތްދަތި ކަމަށް. އެހެން ނަމަވެސް ޕާޓީގެ މެމްބަރުންގެ ވިންދާ އިހްސާސް އެމަނިކުފާނާ ގުޅިލާމެހިފައި އޮތް މިންވަރު މުޅި ރާއްޖެއިން ދިޔައީ ސާފުކޮށްދެމުން. ޕާޓީގެ މަސައްކަތް އިރާދަކުރެއްވީތީ އެ މެމްބަރުންގެ ވިސްނުމާ އެއްގޮތަށް ބައްޓަން ކުރެވުނު. ރައީސް ނަޝީދު ސަލާމަތް ކުރުމުގެ މަސައްކަތް ފުލްކޮށް ކުރެވުނު" ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ކޮންގްރެސްގެ ތެރޭގައި ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޚިޔާލާއި ވިސްނުމާ އެއްގޮތަށް ކަންކަން ނިންމަމުން ދިޔަ ކަމަށާއި އެކަން ކުރެވެމުން ދިޔައީ ބަދަހިކަމާއި އެކުވެރިކަމާއެކުގައި ކަމަށެވެ. މިވަގުތަކީ ހައްސާސްކަން ބޮޑު، ވިސްނުން އިސްކުރަން ޖެހޭ ވަގުތެއް ކަމަށާއި ހުރިހާ ކަމެއް ގުޅިލާމެހިފައި ވަނީ މިރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތާކަމަށް ޝިފާޒް ވިދާޅުވިއެވެ.