ގުޅިފައިވާ ޕާޓީތަކުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމާ އެ ކެންޑިޑޭޓަކީ އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ނިންމުމުން ރައީސް ޔާމީން މިހާރު ހުންނަވާނީ ސިހިސިހި ކަމަށާއި އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ލިބޭނީ ވިއްސަކަށް ޕަސެންޓް ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢަލީ ހުސައިން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކަށް ފުރަތަމަ ދުވަހުވެސް އެއްބަސްވެވުނު ކަމަކީ ރިޔާސީ އިންތިޚާބަކަށްދާއިރު ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ ކުރިމަތިލައްވާނީ ޕާޓީތަކުން އެއް ކެންޑިޑޭޓް ކަމަށް ކަނޑައެޅުން ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ 80 އިންސައްތަ މީހުން އެދިއެދިތިބި ގޮތް ކަމަށާއި ގުޅިފައިވާ ޕާޓީތަކަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ އެކަން ހާސިލް ކުރެވުން ކަމަށެވެ.
"ގުޅިފައިވާ ޕާޓީތަކުގެ 4 ލީޑަރުން އެއްބަސްވެ ސޮއިކޮށް މަސައްކަތް ކުރަން ފެށިއިރު ކުރަމުންއައި އުއްމީދެއް އެއީ އަޅުގަނޑުމެން ނެރޭނީ ސިންގަލް ކެންޑިޑޭޓެކޭ. މިރޭ އެކަން ފުރިހަމަވެގެން އެދިޔައީ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް" ޢަލީ ހުސައިން ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެންޑިޑޭޓާއެކު ނެރޭ ރަނިންގމޭޓަކު ކަނޑައެޅުމަށް ދީފައިވާ ފުރުސަތައް އިޝާރާތް ކުރައްވާ ޢަލީ ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވާއިދު ބުނާގޮތުން ރަނިންގމޭޓަކު ކަނޑައަޅަން ޖެހެނީ ކައުންސިލުން ކަމަށާއި އެކަށީގެންވާ އަވަސް މުއްދަތެއްގައި ރަނިންގމޭޓަކު ކަނޑައަޅާނެ ކަމަށެވެ.
އެމްޑީޕީން ކޮންގްރެސްގައި ހުށަހެޅި މެނިފެސްޓޯއަށް އެހެން ޕާޓީތަކުން ބޭނުންވާ ބަދަލުތައް ގެނައުމަށް ހުޅުވާލާފައި އޮތް އޮތުމަށް އިޝާރާތް ކުރައްވާ އަލީ ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީންވެސް މެނިފެސްޓޯއެއް ތައްޔާރުކޮށްފައިވާ ކަމަށާއި ނަމަވެސް މައިގަނޑަކީ އެއްކަންތައްތަކެއްކަމަށެވެ. އެހެންކަމުން މާ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެހެން ހީނުވާކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ޢަލީ ހުސައިން ވިދާޅުވީ ފެނިގެން މިދިޔައީ ގުޅިފައިވާ ޕާޓީތަކުން ނުކުމެތިބި ބޭނުމާއި މަޤްސަދު ނޯޅި ބަދަހިކަމުގައިތިބިތަން ކަމަށާއި ހުރިހާވެސް ބޭނުމަކީ ރައީސް ޔާމީންގެ އަނިޔާވެރިވެރިކަން ބަދަލު ކުރުން ކަމަށެވެ.
"މިކަމުގެ ސަބަބުން ރައީސް ޔާމީން ހުންނަވާނީ ވަރަށް ބޮޑަށް ސިހިސިހި. އެމަނިކުފާނުގެ ފަހަތުގައި މަސައްކަތް ކުރައްވާނެ ބަޔަކުވެސް ނެތް. ރައްޔިތުންގެ 20 ޕަސެންޓް ވޯޓުވެސް ނުލިބޭނެ" ޢަލީ ހުސައިން ވިދާޅުވިއެވެ.
ޢަލީ ހުސައިން ވިދާޅުވީ ސަރުކާރުގެ އިމާރާތްތަކާއި ތަންތަން ހުރިއިރުވެސް ރައީސް ޔާމީން އުޅުއްވަނީ ކޮންގްރެސްގަނޑެއްވެސް ބާއްވަން ކެރިވަޑައިނުގަން ކަމަށާއި ޖަލްސާތަކަށާއި ޕީޕީއެމްގެ ހަރަކާތްތަކަށްވެސް ކުންފުނިތަކާއި ސިވިލް ސަރވިސްގެ މުވައްޒަފުން ގެންދަނީ ވަޒީފާގެ ބިރުދައްކައިގެން މަޖްބޫރުން ކަމަށެވެ. ޢަލީ ހުސައިން ވިދާޅުވީ އެއްކެންޑިޑޭޓަކު ނެރެގެން ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަން ފެށުމުން ރައްޔިތުންގެ ރޫހަށް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށާއި އެވާހަކަތައާއެކު ވަރަށްބޮޑު ކާމިޔާބީއަކާއެކު ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރެވޭނެ ކަމަށެވެ.