ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓު ކަމަށް ޖުމްހޫރީ ޕާޓީން ހަމަ ޖައްސާނެ މީހަކާމެދު އެ ޕާޓީގެ ތެރޭގައި ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
އެމްޑީޕީން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ މީހަކު ހަމަ ޖައްސާނެ ކަމަށް ބުނެ އެވެ. އަދި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ އެގޮތަށް އެއްބަސްވެފަ އެވެ. އެއާއެކު އެ ޕާޓީން ރަނިންމޭޓު ކަމަށް ޝައުގުވެރިވާ މީހުން ވަނީ ފާޅުވާން ފަށައި، އެ ބޭފުޅުންގެ ތެރޭގައި ވާދަވެރިކަން އުފެދެމުންނެވެ. ޕާޓީގެ އެތެރޭގައި ނުރަސްމީ ކެމްޕެއިން ވެސް ދަނީ ކުރަމުންނެވެ.
އެއްވެސް ބޭފުޅަކު އެ ބޭފުޅެއް އަމިއްލަ އަށް ރަނިންމޭޓް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ނެތަސް، ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ޖޭޕީގެ ތެރެއިން އެ މަގާމަށް ޝައުގުވެރިކަން ހާމަކުރައްވާފައިވާ އެއްބޭފުޅަކީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އެވެ. އެ މަގާމަށް އަލީ ހުސައިން ގެންނެވުމަށް ގެންދަވަނީ ސޯޝަލް މީޑިއާގަ އާއި ޕާޓީގެ ތެރޭގައި ކެމްޕޭން ކުރައްވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ ގާސިމް އިބްރާހިމް ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ ރަނިންމޭޓްކަމަށް ގެނައުމަށް ތާއިދުކުރާ ކަމަށް ވިދާޅުވެފަ އެވެ. ނިމިގެން ދިޔަ ޖޭޕީގެ ކޮންގްރެސްއިން އެ ޕާޓީގެ ކައުންސިލަށް ވަޑައިގެންނެވި ނަހުލާއަކީ ގާސިމް އިބްރާހިމް ނެތް ތަނުގައި އެ މަގާމަށް "އެންމެ ރަނގަޅު ޗޮއިސް" ކަމަށް ދެކޭ މީހުން ވެސް އެ ހިޔާލުތައް ސޯޝަލް މީޑިޔާގައި ފާޅުކުރަމުން ދާއިރު އެކަމަށް ތާއިދުކުރާ މީހުން އެ ޕާޓީގެ ތެރޭގައިވެސް މަދުވާނެ ކަމަށް ނުބެލެވެ އެވެ.

ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ އަރިސް ބޭފުޅެއް ކަމަށްވާ އަބްދުﷲ އަމީނަކީ ވެސް މި ވާދަވެރިކަމުގެ ތެރޭގައި ހިމެނޭ ނަމެކެވެ. އަމީނަށް ތާއިދުކޮށް އެތޭރޭގައި ބައެއް މީހުން ވާހަކަ ދައްކާ އަޑުއިވޭއިރު މިއީވެސް އެއްބަޔަކު ރުހޭ އަދި އަނެއް ބަޔަކު ނުރުހޭ ނަމަކަށް ވަނީވެފަ އެވެ.

ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް ވެސް މި މަގާމަށް ހެޔޮވަރު ކަމަށް ބައެއް މީހުން ގަބޫލުކުރާއިރު އޭނާވެސް މި މަގާމަށް ޝައުގުވެރިވާ ކަމުގެ އަޑުތަކެއް ވަނީ އިވިފަ އެވެ. ޑރ. މައުސޫމަކީވެސް ގާސިމް އިބްރާހިމްގެ އަރިސް ބޭފުޅެއް ކަމަށް ބެލެވޭއިރު، ރަނިންމޭޓްގެ ވާދަވެރިކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި ޑރ. މައުސޫމުގެ ނަމާމެދު ޕާޓީގެ ކައުންސިލަށް ވެސް ގޮތެއް ނިންމަން ފަސޭހަވާނެ ކަމަށް ނުބެލެވެ އެވެ.
މައުސޫމްގެ އިތުރުން ކާށިދޫ ދާއިރާގެ ފައިސަލް ނަސީމް އާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ އަމީންގެ ވެސް އަދި ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) ވެސް ރަނިންމޭޓްކަމަށް ފައި ނަގާފައި ހުރި ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ނަމެއް އެ ޕާޓީގެ ކައުންސިލުން ފާސްކުރަން ހުށައެޅުމުގެ ކުރިން ކުރިމަތިލެއްވުގެ ޝައުގުވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ޕާޓީގެ ތެރޭގައި ކެމްޕެއިން ދާ ވާހަކަ އަޑުއިވޭއިރު ރަނިންމޭޓްގެ ޓިކެޓު ދޭން ފާސްކުރާނީ ކޮންއިރަކު ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް އެ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ އެއްވެސް ބޭފުޅަކު އަދި އެ މަގާމަށް ޝައުގުވެރިނެތް ކަމަށްވެސް ނުބުނެ އެވެ.