އެމްޑީޕީގެ ސަރުކާރެއްގައި، ވަޒީފާގައި އުޅޭ މީހުންނަށް ދަރިޔަކު ލިބިއްޖެ ނަމަ މަންމަ އަށް މުސާރައާއެކު ހަ މަސް ދުވަސް އަދި ބައްޕަ އަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެކަން ހާމަކޮށްފި އެވެ.
އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރޭ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ބައިތަކުގެ ހުލާސާ ހާމަކުރީ އއ. އުކުޅުހުގައި ކުރިއަށްދާ ކޮންގްރެސްގައި އެވެ. މި ބައްދަލުވުމުގައި ދެއްކި ވީޑިއޯ ޕްރެޒެންޑޭޝަނުގައި "އޯގާތެރި ސަރުކާރު"ގެ ސިޔާސަތު ހާމަ ކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުން ނިކުމެވަޑައިގެންނެވި ޑރ. މުސްތަފާ ލުތުފީ އެވެ. މުސްތަފާ ވިދާޅުވީ ޖަޒީރާ ވެރިކަމެއްގައި އަބަދުވެސް ރައްޔިތުންގެ ގާތަށް ސަރުކާރުން ދާނެ ކަމަށެވެ. އެގޮތުން މައި މީހާގެ ބަނޑުގައި ދަރި ގަރުބަގަތީސުރެ ސަރުކާރުން މައިމީހާގެ ހާލު ބަލަމުންދާނެ ކަމަށެވެ. އެ ކުއްޖާ ދުނިޔެއަށް އުފަންވާ ދުވަހު ސަރުކާރުގެ ފަރާތުން ދަރިފުޅަށް "ހަދިޔާ ފޮއްޓެއް" ދޭނެ ކަމަށާއި އެ ފޮށީގައި އޮންނާނީ ދަރިފުޅަށް އެ ވަގުތައް ބޭނުންވާ ސާމާނު ކަމަށެވެ.
"މިވެރިކަމުގައި ރައްޔިތުނަށް ކަށަވަރުވާނެ ރައްޔިތުން އެކަނި ނޫންކަން ތިބީ. ރައްޔިތުން ބަލަހައްޓަން ބޮޑު ޖަޒީރާ ސަރުކާރެއް އެބަ އޮތްކަން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެއް މަސައްކަތެއްގައި ގިނަ ދުވަހު ހޭދަކޮށްފައިވާ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެމީހުނަށް ސަރުކާރުގެ ފަރާތުން ޕެންޝަނެއް ދިނުމަށްވެސް އެމްޑީޕީގެ މި ސިޔާސަތުގެ ދަށުން ވައުދުވެފައިވެ އެވެ.