މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގައި އަތޮޅަކަށް ލިބޭ ފައިދާތައް އެ އަތޮޅަށް ލިބޭގޮތަށް ހަދާނެކަމަށް އެ ޕާޓީން ވަައުދުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބޭނުންކުރާނެ އެމްޑީޕީގެ މެނިފެސްޓޯ އާންމުކޮށްފައިވާއިރު، ޖަޒީރާ ދިރިއުޅުން މެނިފެސްޓޯގައި ބުނެފައިވަނީ ކޮންމެ އަތޮޅެއްގެ، އަތޮޅު ދުނިން އެތެރޭގައިވާ ރަށްތަކާއި ފަޅުރަށްތައްކުގައި ހިމެނޭ އެންމެހާ ފައިދާތައް އެ އަތޮޅަށް ލިބިދެވޭނެ ކަމަށެވެ. މީގެ އިތުރުން ރަށު ކަންތައް ހިންގުމުގައި ވިލަރެސްކުރުމުގެ އެންމެހާ ބާރެއް ރަށު ކައުންސިލަށް ދޫކޮށްލެވޭނެ ކަމަށާއި ސަރުކާރުގެ މިނިސްޓްރީތަކުން ރަށުގައި ހިންގާ މަޝްރޫއުތަކުގެ ބާރު ރަށު ކައުންސިލަށް ދެވޭނެ ކަމަށް އެޕާޓީގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.
އޭގެއިތުރުން ރަށު ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތިރު ކުރުމަށް ކައުންސިލްތަކަށް އިޚްތިޔާރު ދެވޭނެކަމަށްވެސް އެ މެނިފެސްޓޯގައި ވަނީ ބުނެފައެވެ. އަދި ލާމަރުކަޒީ ސިފައާއި ޖަޒީރާވަންތަ ސިފަ ނުގެއްލޭ ގޮތަށް ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމް ކުރުމަށް ގާނޫނު ބަދަލުކުރުމަށް ހުށައެޅުމަށް މެނިފެސްޓޯގައި ވަނީ ވައުދުވެފަ އެވެ.
އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖަޒީރާ ރާއްޖެ، ޝިއާރުގެ ދަށުންނެވެ. އަދި އޭގެދަށުން އެކި ދާއިރާތައް ހިމެނޭ މެނިފެސްޓޯތައް އާންމުކޮށްފައިވާއިރު، އެމްޑީޕީގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ ނޫ އިޤްތިސާދުގެ ސިޔާސަތާއެކު ރައްޔިތުންނަށް ޖަޒީރާ ދިރިއުޅުމެއް ހޯދައިދިނުމަށެވެ.