އެމްޑީޕީން 2018 ވަނަ އަހަރު އުފައްދާނީ ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ކަމަށް އެ ޕާޓީގެ މެނިފެސްޓޯގައި ބުނެފި އެވެ.
އއ. އުކުޅަހުގައި ކުރިއަށް ބޭއްވި އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅީ ވީޑިއޯ ޕްރެޒެންޓޭޝަންގައި ބުނެފައި ވަނީ އެމްޑީޕީން އުފައްދާ ދޮޅު އަހަރުގެ އިންތިގާލީ ވެރިކަމަކީ މިހާރު ހަރާބުވެފައިވާ ދައުލަތުގެ ނިޒާމު ރަނގަޅުކުރާނެ ދޮޅު އަހަރު ކަމަށެވެ. އަދި ކޯލިޝަން ސަރުކާރަށް ގާނޫނީ ހައިސިއްޔަތު ލިބިގެންދާ ގޮތަށް ބަދަލުތައް ގެންނާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުވި މި ޕްރެޒެންޓޭޝަންގައިވެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "އިންސާފު" މިބައި ހުށައަޅައި ދެއްވަމުން އިންތި ވިދާޅުވީ، މިއަދު ދެބަސް ނުވެވޭނެެ ސިޔާސީ ހަގީގަތަކީ، އެއްވެސް ސިޔާސީ ޕަޓީއަކުން ވިޔަސް އަމިއްލަ ރިޔާސީ ކެންޑިޑޭޓަކުވިޔަސް ރިޔާސީ އިންތިޚާބުގައި ޕާޓިތަކުން ބޭނުންވާ އެޕާޓީގެ އެންމެ ތާއީދު ބޮޑު، އެޕާޓީތަކުގެ ޕްރައިމަރީތަކުން ނެރޭ ކެނޑިޑޭޓަކަށް ވާދަކުރެވޭނެ ދޮރު މިއަދުގެ ސަރުކާރުން ޣައިރު ގާނޫނީ ގޮތުން ބަންދުކޮށްފައިއޮތުން ކަމަށެވެ.
ބަންދުވެފައިވާ އެ ފުރުސަތު އަލުން އަނބުރާ ހޯދުމަށްޓަކައި، އެއްބައިވަންތަ ކަމުގެ އިންތިގާލީ ސަރުކާރެއް ބޭނުންވާކަމަށާއި، އަދި އެ ސަރުކާރު ވާންވާނީ ދޮޅު އަހަރު ދުވަހަށް ދެމިގެންވާ ސަރުކާރަކަށްކަމަށް އެމްޑީޕީން ގަބޫލު ކުރާކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ. އަދި އެ ދޮޅު އަހަރަކީ ރައްޔިޔުން އިތުބާރު ކުރުވަނިވި މުއައްސަސާތަކެއް ބިނާވެގެންދާނެ ދޮޅުއަހަރަށް ހަދާނެކަމަށާއި، އަދި ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ކޯލިޝަން ތަކަކަށް ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ.
ރައްޔިތުންނާއި ދެކޮޅުވެރި އަދި ރައްޔިތުން ނުރުހޭ ވެރިކަންތައް ގިނަ އަހަރުތަކަކަށް ދެމިގެން ނުދާނެގޮތަށް އޮމާންކަމާއިއެކު، ސިޔާސީ ހަމަޖެހުން ނުގެއްލޭ ގޮތަށް ގާނޫނާއި އެއްގޮތަށް މަޖިލީހުގެ ތެރެއިން އެވެރިކަންތައް ބަދަލުކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނެވޭނެކަމަށް އެމްޑީޕީގެ "އިންސާފު" މެނިފެސްޓޯގެ ބައިގައި ވަނީ ހިމަނާފައެވެެ.
އެމްޑީޕީގެ މެނިފެސްޓޯގައި މި ގޮތަށް ހުށަހެޅިއިރު، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެތީ، ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ކުރިމަތި ނުލެއްވުމަށް ނިންމަވާފައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވިކަން އެމަނިކުފާނު ހާމަކުރެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕަށް ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި ފޮނުއްވި މެސެޖެއްގައެވެ.
ރައީސް ނަޝީދު ފޮނުއްވެވި މެސެޖްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.