ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން މާލޭގެ މަގަކަށް ނުކުމެލިޔަސް އަޅަނީ ހުރަހެވެ. ޖަހަނީ ބެރިކޭޑެވެ. ރަޔަޓް ފުލުހުން ޝީލްޑުތަކާ ގުންފައި ޖަހާފައި ބާރު ދެއްކުން ނޫން ކަމެއް ނުކުރެއެވެ. ހާލަތާ ނުބައްދަލު ބާރު ބޭނުންކުރަނީ އިދިކޮޅު ހަރަކާތަށް ހުރަސް އެޅުމަށެވެ. ސިޔާސީ ހަރަކާތް ހިންގޭނެ ހުރިހާ މަގެއް މާލެ އާއި އަތޮޅު ތެރޭގެ ގިނަ ރަށްތަކުގައި އެ އޮތީ ބަންދުކޮށްފައެވެ. އަތޮޅު ތެރޭގެ ގިނަ ރަށްތަކުގައި ވެސް އޮތީ އެ ހާލަތު މެދުވެރިކޮށްފައެވެ.
ނަމަވެސް އއ. އުކުޅަހުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްއަށް އެ ރަށުގެ އާބާދީއަށް ވުރެ ގިނަ މީހުން ޖަމާވުމުން ފެނުނު މަންޒަރު އެތައް ބަޔަކު ދެކޭނެއެވެ. މަންދޫބުންގެ މޫނުމަތިން ފެނުނު އުފާވެރިކަމާއި ބޮޑު ނިންމުމަކަށް "ކެތްމަދުވެފައިވާ" މަންޒަރު ފެންނާނެއެވެ. މިނިވަންކަމާއެކު ސިޔާސީ ހަރަކާތުގައި އެމްޑީޕީން ފައިހަމަކުރަން ކުޑަ ވަގުތު ކޮޅެއް ވެސް ލިބުނީ އުކުޅަހުންނެވެ. އެމްޑީޕީއަށް 80 ޕަސެންޓް ސަޕޯޓު އޮންނަ މި ރަށުގެ މީހުންނަކީ އެ ޕާޓީއަށް އާދަޔާ ހިލާފު ލޯތްބެއް ބަންޑުން ކުރަމުންދާ ބައެކެވެ. ކަށިން ހިތްވަރު ނެރެ، ހިލޭ ސާބަހަށް ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަށް ވެފައިވާ ގުރުބާނީ މި ރަށުގެ ކޮންމެ ތަނަކުން ވެސް ފެންނަން އެ ހުރީއެވެ.

އެކަމުގެ ފޮނި މީރުކަން ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ރަށަށް ޖަމާވި މީހުންނަށް ލިބިގެން ދިޔައިރު، ހިނދުކޮޅަކަށް ވެސް ބެރާ އެއްވަރަށް ފައި ހަމަ ކުރީ އެމްޑީޕީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނާއި އާންމު މަންދޫބުންނަށެވެ.
އެ ހަރަކާތް ކުރިއަށް ދިޔައިރު ބަނދަރު ސަރަހައްދުގައި ހުންނަވައި ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ، ތާރީހީ ދުވަހުގެ ފެށުމުގައި އެފަދަ ފުރުސަތެއް އެ ބޭފުޅުންނަށް ލިބިގެން ދިޔުމަކީ ބޮޑު އުފަލެއް ކަމަށެވެ. އެބޭފުޅުންގެ މަސައްކަތުގައި "އަނިޔާވެރިކަން" ނިންމާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރާއްޖޭގެ އެތައް ބަޔަކު އެ ތިބީ އެފަދަ އުފާވެރި ހާލަތަކަށް އިންތިޒާރުކޮށްގެންނެވެ. ހޫނު ބަހުސްތަކާއި ދެކޮޅު ހެދުންތަކާ އެކު ވެސް ޑިމޮކްރަސީގެ ދަންމަރުން ފަހު ވަގުތު ދިއްލާލާނެ ގަދަ އައްޔަކަށް ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން އެ ތިއްބެވީ ކަމަރު ބަންނަވައިގެންނެވެ. ސިޔާސީ ކަސްތޮޅުގައި އެ ހަތަރު ލީޑަރުން ބަނދެވިފައި ތިއްބަސް، އަމާން ބަނދަރަކަށް ގެންދިއުމުގެ ފަހު ނިންމުން ނިންމާނީ ރައްޔިތުންނެވެ. ހާލަތު ބަދަލު ކުރުމުގައި ފަހު ނިޔާ ކަނޑައަޅާނީ ރައްޔިތުންނެވެ. ހިދިކޮޅަށް ހޯދި އުފާވެރިކަން ދާއިމަށް ބަދަލު ކުރާނި ރައްޔިތުންނެވެ.