އއ. އުކުޅަކުގައި ކުރިއަށް ގެންދާ އެމްޑީޕީގެ ކޮންގްރެސް ފެނުމުން މިސަރުކާރު ބިރުގަނެ، ޖެހެލުންވާނެ ކަމަށް އެމްޑީޕީ ތޮއްޑޫ ދާއިރާގެ ރައީސް ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވީ އުކުޅަހުގައި ބޭއްވިގެން މިދާ ކޮންގްރެސްއަކީ ވަރަށް ކާމިޔާބު ކޮންގްރެސްއެއް ކަމަށެވެ. ކާމިޔާބު ވަނީ ރައީސް ޔާމިންގެ ފިއްތުންތަކާ އެކު ވެސް މިކޮންގްރެސްގައި އާންމުންނާއި، ޕާޓީތަކުގެ އިސް މެންބަރުން ބައިވެރިވެވަޑައިގަންނަވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ސަރުކާރުން ދައްކާ ބިރަށް ޖެހެލުންވާނެ ބައެއް ނޫންކަން މިކޮންގްރެސް އިން ސާބިތުވާ ކަމަށެވެ.
ޝިޔާން ވިދާޅުވީ މިއަދު މިބޮޑު މަންޒަރު ފެނިފައި ސަރުކާރާއި، ސަރުކާރުގެ އިސް ބޭފުޅުން ބިރުގަނެ ޖެހެލުން ވާނެ ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީކަން ފާހަގަކުރައްވައި ޝިޔާން ވިދާޅުވީ މާލޭގައި ކޮންގްރެސް ބާއްވަން ސަރުކާރުން ހުއްދަ ނުދިން ނަމަވެސް އެންމެ ބޮޑު ޕާޓީގެ ސައްލާ، އެއްތަނަކަށް އެއްވެ ކާމިޔާބު ކޮންގްރެސްއެއް ފެށިފައިވާ ކަމަށެވެ.
" ހަގީގަތުގައި ކާމިޔާބު ކޮންގްރެސްއަކަށް ވެގެން މިދަނީ ސަރުކާރުގެ ފިއްތުންތައް މި އަށް ވުރެ ބޮޑުވެފައި އޮތް އިރު ވެސް މިރާއްޖޭގެ އެކިކަންކޮޅުތަކުން ސަރުކާރުން ދައްކަމުން އައި ބިރަކަށް ޖެހެލުމެއްނެތި ފުރަފުރައިގެން އައި މެންބަރުންގެ ސަބަބުން މުޅި ހޯލު މިއޮތީ ފުރިފައި" ޝީއާން ވިދާޅުވި އެވެ.
އެމްޑީޕީ އުފެދުނީއްސުރެ މިއަދާ ހަމައަށް މިޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަރުބަލި ކަމެއް މަސައްކަތްކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނަށް ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި މިކޮންގްރެސް ފުރިހަމަ ކަމާ އެކު ބޭއްވުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ބޭފުޅުންގެ ހިތްވަރަށް ސާބަސްދީ ވަނީ ހިތްވަރުދީފައެވެ.