ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން އެކުގައި މަސައްކަތްކޮށް ބޮޑު ތަފާތެއް ހޯދުމުން ވޯޓު އޮޅުވައެއް ނުލެވޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ކުރިއަށް ގެންދާ އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީއަކީ ސަރުކާރުން ކަންކަން ކޮށްދިނުމުން ގޮތްހުސް ވެގެން ތިބޭނެ ބައެއް ނޫންކަން ފެނިގެން ދާ ކަމަށާއި އެމްޑީޕީއަކީ "ސަރުކާރުން ދިނީމާ ކައިގެން ސަރުކާރުން ދިނީމާ ބޮއެގެން އަދި ސަރުކާރުން ދިނީމާ ލައިގެން" ތިބޭ ބައެއް ނޫން ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން އެމްޑީޕީއަށް ދަނީ އެކިގޮތްގޮތުން ބިރުދައްކަމުން ކަމަށާއި އެމްޑީޕީން ކޮންމެކަމެއް ރޭވިއަސް އެކަމަކަށް ހުރަސްއެޅެން އޮތް ކޮންމެ ގޮތަކުން ދަނީ ހުރަސްއަޅަމުން ކަމަށެވެ. އެގޮތުން ކޮންގްރެސް ބާއްވާނެ ތަނެއް ދީފައި ނުވާއިރު ޕާޓީތަކަށް ތިން މަސްތެރޭ ދީ ޚަލާސް ކުރަން ޖެހޭ ފައިސާ ކޮންގްރެސް އަށް ވެސް ދޭން ބުނުމުން ދީފައި ނުވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕޭނަށް ދިޔައީ ހުރަސްއަޅަމުން ކަމަށާއި ޕޯސްޓަރު ތަތްކުރުމަށް ހުރަސްއަޅައި ފުލުހުން ދިޔައީ ޕޯސްޓަރުތައް ފޭރިގަންނަމުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީއަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގާ ޕާޓީއެއް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ޤާނޫނު ތަންފީޒްކުރުމުގެ ނަމުގައި އަނިޔާކުރުން ވަނީ އިންތިހާއަށް ގޮސްފައި ކަމަށާއި މިއަދު ރައީސް ޔާމީން ބަލިކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. ވައްކަމާއި ފަސާދަ ޢާއްމުވެފައިވާއިރު އެކަން ކުރެވޭނީ ރައްޔިތުން މަސައްކަތް ކޮށްގެން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި މިނިވަން މުއައްސަސާތަކާއި ޤާނޫން ނަގަހައްޓަން ތިބި މީހުން އެކަން ކޮށްގެން ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ޖޭޕީ އަދި އަދާލަތާއި ރައީސް މައުމޫނާ އެކު އިންތިޚާބަށް ނުކުތީމާ ރައީސް ޔާމީން ބޮޑުތަނުން ބަލިވާނެ ކަމަށާއި އޭރުން ވޯޓު އޮޅުވާލެވޭކަށް ނޯންނާނެ ކަމަށެވެ. އަދި މިމަސައްކަތް ކުރާއިރު ރައީސް ޔާމީނާ އެކު ޤާނޫނާ ޚިލާފަށް މަސައްކަތް ކުރާނެ ޕޮލިހެއް ސިފައިންގެ މީހެއް އަދި ފަނޑިޔާރަކު ވެސް ނުހުންނާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.