ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ނެރޭ އެއް ކެންޑިޑޭޓަކީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް އެމްޑީޕީން ނިންމައިފި ނަމަ އަދާލަތުން އެކަމަށް ތާއީދު ކުރާނެ ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޢަލީ ޒާހިރު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުން އެމްޑީޕީއަށް އަދި ރަނިންގ މޭޓަކު ނެގުން ޖުމްހޫރީ ޕާޓީއަށް ދިނުމަށް ގުޅިފައިވާ ޕާޓީތަކުން ނިންމި ނިންމުމަށް ތާއީދު ކުރައްވާ ކަމަށާއި ޕާޓީތަކުން އެއްބަސްވެފައިވާ ގޮތަށް އެޕާޓީތަކުން ނެރޭ ބަލައިގަނެވޭ ފަދަ ކެންޑިޑޭޓެއް ނަމަ އަދާލަތުން ތާއީދު ކުރައްވާނެ ކަމަށެވެ.
ރިޔާސީ ކެންޑިޑޭޓަކީ އިބޫ ކަމަށް ވުން ގާތް ކަމަށް އަޑު ފެތުރިފައިވާއިރު ޢަލީ ޒާހިރު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީން އިބޫ ކަނޑައަޅައިފި ނަމަ އެކަމަށް އަދާލަތުން ތާއީދު ކުރާނެ ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލު ކުރުމަށްޓަކައި އަދާލަތުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.