ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް އެންމެ ރަނގަޅު ބޭފުޅަކީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު ރާއްޖެއެމްވީއަށް ވިދާޅުވީ މިވަގުތު ގައުމުގެ ހާލަތު އޮތް ގޮތުން، ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށްޓަކައި ކޯލިޝަނުގެ ފަރާތުން ނެރުމަށް ތާއިދު ކުރެއްވެނީ އިބޫ އަށް ކަމަށެވެ.
ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވި އަލީ ވަހީދު މިހެން ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭނީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި ރަނިންމޭޓަކަށް ހަދާނީ ޖޭޕީގެ މެމްބަރެއް ކަމަށް ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ނިންމުމާ ގުޅިގެންނެވެ.
"އިބޫއަކީ އަޅުގަނޑުމެންނަށް އެނގޭ ބޭފުޅެއް. އިބޫއާއެކު އަޅުގަނޑަށް ވެސް ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރެވުނު. ކޯލިޝަންގައި ވެރިކަން ކުރުމުގެ ގާބިލްކަން އިބޫގެ އެބަހުރި. މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދެވޭނެ،" އަލީ ވަހީދު ވިދާޅުވިއެވެ.
ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކަނޑައަޅާ ބޭފުޅަކު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް، އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ކަމަށް އަލީ ވަހީދު ޓްވީޓް ކުރައްވާފައިވެއެވެ. ނަމަވެސް އަދި ރަނިންމޭޓަކަށް ކަނޑައަޅާނެ ބޭފުޅަކު ޖުމްހޫރީ ޕާޓީން ރަސްމީކޮށް ނުނިންމައެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ފަރާތުން ނެރޭނެ ބޭފުޅެއްގެ ނަން، އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްއިން ކަނޑައަޅާނެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ގިނަ ދައުރުތަކެއް ފުރިހަމަ ކުރައްވާފައިވާ އިބޫ، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ގިނަ ބަޔަކު ދަނީ ތާއިދު ކުރައްވަމުންނެވެ.