ވަރަށް ގިނަ ދުވަސްތަކަކަށް ފަހު، އެމްޑީޕީން ކޮންގްރެސްއެއް ބޭއްވުމަށް ފުރުސަތު ލިބި، އެއްވެލަން ލިބުމުން އެމްޑީޕީގެ މެމްބަރުންނާއި އެ ޕާޓީއަށް ސަޕޯޓްކުރާ ފަރާތްތައް ތިބީ އުފަލުން ފޮޅިފައި ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސްއަށް އއ. އުކުޅުހަށް ވަޑައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް މާލޭގައި ބޭއްވުމަށް ސަރުކާރުން ފުރުސަތު ނުދިނީ ވެސް މިހާ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، އެތަން ބަލަން ސަރުކާރަށް ކުޅަދާނަ ކަމަކަށް ނުވާނެތީ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް މާލޭގައި ބޭއްވުމަށް ފުރުސަތު ނުލިބުމުން އުކުޅަހުގައި ބާއްވަމުންދާއިރު، މުޅި އުކުޅަހުން ފެންނަނީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެންނަން ކުރަމުންދާ މަސައްކަތުގެ ފަހު މަރުހަލާގެ ފެށުން ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސްއަށް އުކުޅަސް ވެފައިވާ ތައްޔާރީތައް ފެނިފައި ރޮޒައިނާ ވިދާޅުވީ މިވަރުގެ އުފާވެރިކަމެއް މިފަހުން ނުފެންނަ ކަމަށާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިންނާއި ކޮންގްރެސްމަނުންނާއި އެމްޑީޕީގެ މެމްބަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ރާއްޖޭގެ ރަށެއްގައި މިގޮތަށް ބައްދަލުކޮށްލާ މަޝްވަރާ ކޮށްލަން ލިބުމުން ވަރަށް އުފާ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ރޮޒައިނާ ވަނީ އުކުޅަހުގައި އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ވެފައިވާ ތައްޔާރީތައް ވުމުގައި އެރަށުގެ ރައްޔިތުންގެ އަމިއްލަ ޖީބުން ޚަރަދުކޮށް، ކޮށްފައިވާ މަސައްކަތް ވަރަށް ފުރިހަމަ ކަމަށާއި އެކަމަށްޓަކައި އުކުޅަހުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދައްނަވާ ކަމަށެވެ.