އއ. ތޮއްޑޫގައި ކޭބަލް ޓީވީގެ ޙިދުމަތްދޭ ދެ ކުލަބު އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ޖޫރިމަނާކޮށްފައި ވަނީ ތޮއްޑޫގެ ބްރައިޓް ކްލަބު އަދި ސޯސަން ކްލަބެވެ.
ބްރޮޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދެ ކްލަބަކީ ވެސް ބްރޯޑްކާސްޓިން ގާނޫނާ ހިލާފަށް ބްރޯޑްކާސްޓްކުރުމުގެ ލައިސެންސް ނެތި ކޭބަލްޓީވީގެ ޚިދުމަތް ދެމުން އަންނަ ދެ ކުލަބް ކަމަށް މައުލޫމާތު ލިބުމާ ގުޅިގެން މިމައްސަލަ ތަހުގީގު ކުރުމުން ޝައްކެތް ނެތް މިންވަރަށް ޔަގީން ވެފައިވާ ކަމަށެވެ.
ބްރައިޓް ކްލަބް ޖޫރިމަނާކޮށްފައި ވަނީ ލައިސަންސް ނެތި 28 ޗެނަލެއް ރީބްރޯޑްކާސްޓްކުރީތީ 56،000ރ. އިންނެވެ. އަދި ހައްގު ލިބިފައި ނެތް 28 ޗެނަލެއް ރީބްރޯޑްކާސްޓް ކުރީތީ 56،000ރ. އިން ކޮށްފައިވާ ޖޫރިމަނާއާ އެކު ޖުމްލަ 112،000ރ. ދައްކަންޖެހެއެވެ. ސޯސަން ކްލަބު ލައިސަންސް ނެތި 25 ޗެނަލެއް ބްރޯޑްކާސްޓްކުރީތީ 50،000ރ. ޖޫރިމަނާކޮށްފައިވާއިރު، ހައްގު ލިބިގެން ނުވާ 25 ޗެނަލެއް ރީބްރޯޑްކާސްޓްކުރީތީ 50،000ރ. އިން ވެސް ވަނީ ޖޫރިމަނާކޮށްފައެވެ.
ދެ ކުލަބުގައި ވެސް ޖޫރިމަނާ ކަނޑައަޅާފައި ވަނީ ރީބްރޯޑްކާސްޓުކުރި ކޮންމެ ޗެނަލަކަށް 2000ރ. ގެ މަގުންނެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ގަވާއިދާ ހިލާފަށް ރީ ބްރޯޑްކާސްޓް ކުރުމުގެ މައްސަލައިގައި ޖޫރިމަނާ ކޮށްފައިވާ ދެ ކުލަބުން ވެސް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަންޖެހޭ ކަމަށެވެ.