ހއ. ދިއްދޫ އިން މަނަފަރަށް ދަތުރުކުރި ލޯންޗެއް އެއަތޮޅު ގައްލަންދޫ ކައިރިއަށް އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން ބުނީ މި ލޯންޗް އަޑިއަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށެވެ. މިމައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން ވަނީ އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ފުލުހުން ބުނީ ލޯންޗު އަޑިއަށް ދިޔައިރު ލޯންޗުގައި ތިބީ ދެމީހުން ކަމަށާއި، އެދެމީހުން މިހާރު ދިއްދޫއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެދެމީހުންނަށް ޖިސްމާނީ އަނިޔާއެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ލޯންޗު އަޑިއަށް ގޮސްފައިވަނީ ދިއްދޫއިން މަނަފަރަށް ދިޔަ ބަޔަކު އެރަށަށް ބޭލުމަށްފަހު އެނބުރި ދިއްދޫއަށް ދަނިކޮށެވެ.
ލޯންޗު އަޑިއަށް ގޮސްފައިވާއިރު ލޯންޗް އަޑިއަށް ދިޔަ ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އަދި މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.