ދ. އަތޮޅުގައި އޮންނަ ވޮއްމުލި އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ ކޯޑިނޭޓަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވި ގޮތުގައި އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:05 ގަ އެވެ.
އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ވޮއްމުލީ އައިލެންޑް ރިސޯޓުގެ އޯވަރަ ވޯޓަރ ސްޕާގައި ކަމަށެވެ. އަދި 10:00 ގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމްއެންޑީއެެފްގެ ފަޔަރ ޓީމް އެރިސޯޓަށް ދިއުމުގެ ކުރިން އަލިފާން ކޮންޓްރޯލް ކުރުމަށް ރެސޯޓުގެ ސްޓާފުންވެސް އަލިފާން ނިވި ބޭނުންކޮށްގެން އަލިފާން ނިއްވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އަލިފާންގަނޑު މިހާރު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާއިރު އިމާރާތައް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.