ކ. ގުޅީގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރަ ފަޅާލައިފި އެވެ.
ގުޅީ ކައުންސިލްގެ ރައީސް މުހައްމަދު ފަތުހުﷲ ރާއްޖެއެމްވީއަށް ހޮޮނިހިރު ދުވަހު ވިދާޅުވީ ބޭސްފިހާރަ ފަޅާފައިވާކަން އެ ރަށުގައި ތިބި ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ ފަތިހު 04:15 އެހާއިރު ކަމަށެވެ. ހުކުރު ދުވަހު ވިޔަފާރި ކުރުމަށްފަހު ބޭސް ފިހާރަ ބަންދުކޮށްފައި ވަނީ ހުކުރު ދުވަހުގެ 23:00 އެހާކަންހާއިރުކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ.
އެރަށުގައި ތިބި ފުލުހުންނާއި އަދި ބޭސްފިހާރަ ހިންގާ ފަރާތާ ހަވާލާދެއްވާ ފަތުހުﷲ ވިދާޅުވީ އެ ބޭސްފިހާރައިން އެއްވެސް އެއްޗެއް ވަގަށް ނަގާފައިވާކަން މިހާނަށް ފާހަގަ ކުރެވިފައި ނުވާކަމަށެވެ. ފިހާރައިހުރި ފައިސާއާއި ތިޖޫރީއަށް އެއްވެސް ގެއްލުމެއް ދީފައި ނުވާކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ.
ފަތުހުﷲ ވިދާޅުވީ އެ ބޭސްފިހާރައިގެ ދޮރަށް ދީފައިވާ ގެއްލުން ފިޔަވާ އިތުރު ގެއްލުމެއް ދީފައިވާކަން މިހާތަނަށް ފާހަގަ ކުރެވިފައި ނުވާކަމަށެވެ.
އެ ބޭސްފިހާރައަށް ވަދެ ފައިވަނީ އެ ފިހާރައިގެ ދޮރުގައި ހުރި ދެ ތަޅު ހަލާތު ކޮށްލައިގެން ނެވެ.