މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ތިން ވަނަ ކޮންގެރެސް އިން ނިމިގެންދާ ކަންތައްތައް ވެގެން ދާނީ ތާރީޚީ ކަންތައްތަކަކަށް ކަމަށާއި އެމްޑީޕީގެ ތާރީހުގަ އާއި ރާއްޖޭގެ ތާރީހުގައި ފާހަގަ ކުރެވިގެންދާ ކަންތައްތަކެއް މިއަދުގެ ކޮންގެރެސްގައި ނިމިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު އއ. އުކުޅަކުހުގައި ބާއްވާ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް ފެށުމުގެ ކުރިން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއު އެއްގައި އިބޫ ވިދާޅުވި މިއަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ކުރަންފެށި މަސައްކަތް ނިމުމަކާ ހިސާބަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރެވެނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
އެހެންކަމުން އެމްޑީޕީއާ ގުޅިފައިވާ ޕާޓީތައް ކުރަން ފެށި ބުރަ މަސައްކަތް އެކުގައި ގޮސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ހުރިހާ ބޭނފުޅުނަނަށް އަރުވާ ކަމަށް އިބޫ ވިދާޅުވިއެވެ.
"ހުރިހާ ރައްޔިތުންނަށާއި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޔަގީންކޮށް އަރުވަން ބޭނުން ވަނީ އަޅުގަނޑުމެން ކުރަން ނިކުމެ މިއަދު މިތިބީ ވަރަށް ބުރަ މަސައްކަތެއް" ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވުމާ ގުޅިގެން ދެން ވާދަކުރައްވާނީ ބެލެވޭ އިބޫ ވިދާޅުވިއެވެ.
މީގެ އިތުރުން އިބޫ ވިދާޅުވީ ފެނިގެން މިދަނީ އިސްލާހަށް ފެށި މަސައްކަތުގައި ދެގޮތެއް ނުވެ ރައްޔިތުން ތިބިތަން ކަމަށާއި އަދި ކުރާ މަސައްކަތް މަންޒިލާ ހިސާބަށް ގެންދިއުމަށްޓަކައި ފަހަތަށް ނުޖެހި ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިއަދު ވެސް ލިބިގެން ހިނގައްޖެ ކަމަށެވެ.
މިއަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެންމެން އެކުގައި ހިތްވަރާ އެކުގައި ކުރަމުދާ މަސައްކަތުގައި ބައިވެރިވުމަށް އިބޫ ގޮވައިލެއްވިއެވެ. އަދި މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި އަދި ޚާއްސަކޮށް އެމްޑީޕީގެ މި ކޮންގްރެސް ވެގެން މިދާނީ ރާއްޖޭގެ ރަށެއްގައި ބޭއްވޭ ފުތަރަމަ ކޮންގްރެސް އަށް ކަމަށް އިބޫ ވިދާޅުވިއެވެ. އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކާ މެދު އުފެދިފައިވާ ސުވާލަށް މިއަދު ޖަވާބެއް ލިބިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.