އެމްއެންޑީއެފްގެ ޔުނިޓްތަކަށް އަމާޒުކޮށްގެން "ހެސަ ވާދަ – 2018" ގެ ނަމުގައި ހިންގި މުބާރާތް ނިންމާލާފިއެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މާލޭ އިންޑިސްޓްރިއަލް ޒޯންގައެވެ. ނިންމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.
އެ ހަފްލާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ޝިޔާމް ވަނީ ދިވެހިންގެ ދިވެހި ވަންތަކަށް ދެމެހެއްޓެވުމަށް ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.
މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތުގެ އެއްވަނަ މެރިން ޑިޕްލޮއިމަންޓް 2 (އެމްޑީޔޫ –2) އަށް ލިބިފައިވާއިރު މުބާރާތުގެ ދެވަނަ ޓީމަކަށް ހޮވިފައި ވަނީ ކޯސްޓްގާޑް ޓީމެވެ. އަދި ތިން ވަނަ ޓީމަކީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް 3 (އެމްޑީޔޫ –3) އެވެ.
މުބާރާތުގެ އެއްވަނަ ޓީމަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާނެވެ. އަދި ދެވަނަ ޓީމަށާއި ތިންވަނަ ޓީމަށް ސެޓްފިކެޓާއި މެޑަލް ހަވާލް ކޮށްދެއްވީ ޖެނެރަލް ޝިޔާމެވެ. އަދި މި މުބާރާތަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކަށާއި އަމިއްލަ ކުންފުނިތަކަށް ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.
ސިފައިންގެއިން މުޅިން އަލަށް ތަޢާރަފްކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 17 ޔުނިޓަކުން ވަނީ ބައިވެރިވެފައެވެ.