މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓާއެކު ނުކުންނާނީ ޖޭޕީގެ ރަނިންމޭޓެއް ކަމަށް ވެސް މި ބަޔާނުގައިވެއެވެ.
"ދިވެހި ދައުލަތް ހިންގުމުގެ މުޅި ދުސްތޫރީ ނިޒާމު ފުނޑުފުނޑުކޮށް، ގާނޫނުތަކާއި ގަވާއިދުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރައްޔިތުންނަށް އަނިޔާވެރިވެ، ދިވެހިރާއްޖެއަށް ތައާރަފުކުރި ޑިމޮކްރެެޓިކް ނިޒާމު ވެއްޔާއި މޮޑެލައި، އިންސާނީ ކަރާމަތާއި އިންސާނީ ހައްގުތައް ނިގުޅައިގަނެ، އަދުގެ ސަރުކާރުން މިކުރަމުން މިދާ ހުދުމުޚްތާރު، އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސް ގުޅިފައިވާ ސިޔާސީ ޕާޓީތައް (ދިވެހިރައްޔިތުން ޑޮމެކްރެޓިކް ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް) ގުޅިގެން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި ހުރިހާ ޕާޓީތަކެއް ތަމްސީލުކުރުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު ނެރެ، އިންތިހާބު ކާޟިޔާބުކުރުމަށް އެކުގައި މަސައްކަތްކުރަން ނިންމައިފީމެވެ. މިފުރުސަތުގައި މި މުހިންމު ނިންމުމުގެ އިންތިޒާރުގައި ކެތްތެރިކަމާއެކު ތިއްބެވި އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.
ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވިއިރު، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވަނީ އީސީ ބަލައިނުގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑޫވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ރިޔާސީ ޓިކެޓް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އެކަންކުރައްވާނީ ހޮނިހިރު ދުވަހު އުކުޅަހުގައި ބާއްވީ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގަ އެވެ.
"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އީސީ ބަލައިނުގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑޫވުމަށް އިޖާބަ ދިނުމުގެ ގޮތުން އަޅުގަނޑަށް ލިބިފައިވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލުމަށް އަޅުގަނޑު ނިންމައިފިން. މިކަން އަޅުގަނޑު ކުރަން ގަސްދުކުރަނީ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި،" ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނުނެރެވިއްޖެ ނަމަ ޖޭޕީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް ކުރިން ބުނެފައިވެ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމައިފައިވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަހު އެވެ. އެކަމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ،