އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތު ކުރުމަށްފަހު ޖަލަށް ލާފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން އެމައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން އދ ގެ ސްޕެޝަލް ރެޕެޓުއާ އޮން އިންޑެޕެންޑަންސް އޮފް ޖަޖެސް އަދި ލޯޔަރސް ޑިއޭގޯ ގާސިއާ ސަޔާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ބުދަ ދުވަހު އާއްމުކުރެއްވި ބަޔާނެއްގައެވެ. އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ދަށު ކޯޓުތަކުގައި އެމައްސަލަ ހިނގިއިރު ފާހަގަކުރެވުނު ކަންބޮޑުވުންތަކަށް އަޅާލުމެއް ނެތި އެމައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމެވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެއްވެސް މަގުބޫލު އުޒުރެއްނެތި އަޑުއެހުންތައް ސިއްރުކުރުމާއި، ސިއްރު ހެކި ހުށަހެޅުމާއި ދިފާއުގައި ހެކި ހުށަހެޅުމަށް ދެ ފަނޑިޔާރުންނަށް އެކަށީގެންވާ ވަގުތު ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ މާފުށީ ޖަލުގައި އެ ދެ ބޭފުޅުން ބަންދުކުރެވިފައިވާއިރު އެކަމުގެ ސަބަބުން ގާނޫނީ ވަކީލުންނަށް ވެސް އެ ދެ ބޭފުޅުންނާއި ބައްދަލުކުރެއްވުމުގައި ދަތިތަކަކާއި ދިމާވި ކަމަށް ގާސިއާ ފާހަގަކުރެއްވިއެވެ،
ގާނޫނީ ގޮތުން އެ ދެ ފަނޑިޔާރުންގެ މަގާމު ގެއްލުމުގެ ހުރިހާ މަރުހަލާއެއް ކަޑައްތު ނުކުރެވެނީސް އެ މަގާމުތަކަށް ބޭފުޅުން އައްޔަނުކުރެވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ގާސިއާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ދިވެހި ސަރުކާރަށް ވެސް މިކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައިވާ ކަމަށާއި އެހެން ނަމަވެސް ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައިނުވާ ކަމަށް ގާސިވާ ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ ބަޔާން ނިންމަވާލައްވާފައިވަނީ މިނިވަން ޖުޑީޝިއަރީއަކަށް ފުރުސަތު ދިނުމަށް ރާއްޖޭގެ ސަރުކާރަށް ގޮވާލައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ކަމެއް ބެހެއްޓުމަށް ދިވެހި ސަރުކާރަށް ގާސިއާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރަސްމީ ހަސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ދެ މަހަށް ޖަލަށްލާން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއިދުކޮށްފައެވެ. އަދި އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދުމުން އެ ކޯޓުން ނިންމާފައިވަނީ ހައިކޯޓުން އެ މައްސަލައިގައި ނިންމާފައިވާ ގޮތް ބާތިލް ކޮށްދޭން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު އެ ކޯޓުން ކޮށްފައިވާ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި ހައި ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތައް ކޮށްފައިވާ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން އެ ނިންމުމުގައި ކަނޑައަޅާފައިވެ އެވެ.