އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ ބައެއް މަންދޫބުން އއ. އުކުޅަހަށް އަންނަން ފަށައިފިއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ މަންދޫބުންގެ އަދަދަކީ 1184 މީހުންނެވެ. އެ މަންދޫބުންގެ ތެރެއިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު ބައެއް މަންދޫބުން އުކުޅަހަށް އަންނަން ފަށާފައި ވަނީ ހުކުރު ދުވަހުގެ މެންދުރުފަހުއެވެ. އުކުޅަހަށް ބައެއް މަންދޫބުންގެ އައީ ކޮންގްރެސްގެ އިންތިޒާމަށް ވަޑައިގެންނެވި އެޑްވާންސް ޓީމުތަކާއެކުގައެވެ.
ކޮންގްރެސްގެ މަންދޫބުން އެ ރަށަށް ރަސްމީކޮށް ދާން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 ފެށިގެންނެވެ.
މަންދޫބުން އުކުޅަހަށް ގެންދާނީ ސާޅީހަށް ވުރެ ގިނަ ކަނޑު އުނޅަދުގައެވެ.
އެމްޑީޕީން ލަފާކޮށްފައިވާ ގޮތުގައި އެ ޕާޓީގެ ކޮންގްރެސްއަށް 600 ނުވަތަ 800އާ ގާތް ކުރާ އަދަދަކަށް މަންދޫބުން އެ ރަށަށް އަރާނެއެވެ. ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ މަންދޫބުނާއި އެ ޕާޓީގެ ސަޕޯޓަރުންނާއި އެހެން ޕާޓީތަކުން ވަޑައިގަންނަވާ މެހެމާނުންނާއެކު 1،500 އާ ގާތް ކުރާ އަދަދަކަށް މީހުން އުކުޅަހަށް އަންނާނެ ކަމަށް އެމްޑީޕީން ލަފާ ކުރެއެވެ.
ކޮންގްރެސް އިންތިޒާމް ކުރުމުގައި އުކުޅަހުގެ 300 މީހުންނާއި މާލެއިން ދިޔަ 50 އަހަށް މީހުން ހަރަކާތްތެރިވެއެވެ.
އުކުޅަހަކީ އެމްޑީޕީގެ ތާއިދު ބޮޑު ރަށެކެވެ. އާންމު އިންތިހާބުތަކުގައި އުކުޅަހުން އެމްޑީޕީން ބޮޑު އަގުލަބިއްޔަތެެއް ހޯދައެވެ. ރިޔާސީ އިްނތިހާބާއި މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވެސް ރާއްޖޭގެ އެހެން ރަށްތަކަށް ވުރެ ބޮޑު ޕަސެންޓޭޖަކުން އެމްޑީޕީ މެޖޯރިޓީ ހޯދައެވެ.