ރައްޔިތުންގެ މަޖިލިސް ކުރިއަށްދާ ވަގުތު އެތަނަށް އިދިކޮޅު މެންބަރުން ހާޒިރުވެވަޑައި ނުގަންނަވާތީ އެކަން ޕީޕީއެމުން ކުށްވެރިކޮށްފިއެވެ.
ބުރާސްފަތު ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިމެނިވަޑައިގަންނަވާ އެހެން ޕާޓީތަކުގެ ބައެއް މެންބަރުން އަމަލުކުރައްވާ ގޮތުން ރައްޔިތުންނަށް ވަމުންދާ ގެއްލުންތަކުގެ ރައްޔިތުންނާ ހަމައަށް ތިލަ ކުރަންޖެހޭ ކަމަށެވެ.
ނިހާން ވިދާޅުވީ މަޖިލިސް ހިންގާ ހަރަދާއި މެންބަރެއްގެ މުސާރައާ އިނާޔަތްތައް ރައްޔިތުންނަށް އެނގޭއިރު މަޖިލީހުގެ މަސައްކަތުގައި އެމެންބަރުން ބައިވެރިވަނީ ކިހާ މިންވަރަކަށްތޯ ބަލަންޖެހޭ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ޖިލީހުގެ މަސައްކަތުގައި ސަރުކާރާއި އިދިކޮޅު މެންބަރުން ބައިވެވަޑައި ނުގަންނަވާ ކަމަށް ނިހާން ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ރިޔާސަތު ގަބޫލުނުކުރައްވާ ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވަމުންދާކަން ފާހަގަކުރައްވައި ނިހާން ވިދާޅުވީ މިމެންބަރު މަޖިލީހުގެ އެތެރެއަށް ގެއްލުން ލިބޭ ގޮތަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މަޖިލީހުގެ ރިޔާސަތު ގޯސްވެ، މަޖިލީހުގެ ރައީސްއަކީ އަބްދުﷲ މަސީހުކަމަށް ގަބާލުނުކުރައްވާތީ ހަމައެކަނި ވަދެވަޑައި ނުގަންނަވަނީ މަޖިލީހުގެ ޖަލްސާތަކަށް ކަމަށާއި، ނަމަވެސް ކޮމެޓީގެ އެލަވަންސް ނެގުމުގެ ބޭނުމުގައި އިދިކޮޅު ކޮމެޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ނިހާން ވިދާޅުވިއެވެ.
" މަސީހު މިހާ ވަރަށް ގޯސްވަމުންދާއިރު ކޮމެޓީ ގޯހެއް ނުވޭ. މުސާރަ ވެސް ގޯހެއް ނުވޭ. ސައިކޮޓަރީގައި ހުންނަ ސައެއް ވެސް ގޯހެއް ނުވޭ. އަރިމަތީގައި ހުންނަ ލަވާޒާ މެޝިން ވެސް ގޯހެއް ނުވޭ. މަޖިލީހުގެ ގޯތިތެރެ ވެސް ގޯހެއް ނުވޭ. އެތަނުގެ ކަރަންޓާއި ބޯފެން އެނޫން ކަންތައްތައް ވެސް ގޯހެއް ނުވޭ. ފާހަނާ ވެސް ގޯހެއް ނުވޭ. މިއީ ވަރަށް ދެރަވަރު މައްސަލައެއް،" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އިދިކޮޅު މެންބަރުން މަސައްކަތް ކުރައްވަނީ އަމިއްލަ ފައިދާ އަށް ކަމަށާއި، ރައްޔިތުންގެ ހައްގުގައި ނޫން ކަމަށެވެ. ފައިސާގެ ދަހިވެތިކަމުގައި ހުރިހާ ކޮމެޓީއެއްގައި ބައިވެވަޑައިގަންނަވާ ކަމަށާއި، ރައްޔިތުންގެ ހައްގުގައި ބަހެއް ބުނެލަން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅިގެންދާ ބިލަކީ ވެސް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ކަމެއް ނޫނޭ ބުނެލުމަށް ލިބޭ ފުރުސަތު ވެސް ނުހިފާ ކަމަށް ނިހާން ފާހަގަކުރެއްވިއެވެ.
ނިހާން ވިދާޅުވީ ރައްޔިތުންގެ އަތުން މުސާރަ ނަގައިގެން ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން ކެރޭ ބަޔަކު ނަމަ މަޖިލީހުގެ ޖަލްސާތަކަށް ވަދެވަޑައިގަންނަވާނެ ކަމަށެވެ.