ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއް ނެތި ހިނގައިދާނެކަމުގެ ބިރު އޮތުމުން އެޕާޓީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން އެމަނިކުފާނަށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންގެ އިތުރުން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން މަރުހަބާ ވިދާޅުވެއްޖެއެވެ.
ރިޔާސީ ޓިކެޓް ދޫކޮށްލެއްވިކަން ރައީސް ނަޝީދު ހާމަކުރެއްވީ ހުކުރު ދުވަހު ހެނދުނު ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ބޭފުޅުންނަށް ކުރެއްވި މެސެޖެއްގައެވެ. އަދި ޓްވިޓަރ މެދުވެރިކޮށް އެކަން ހާމަކުރައްވާފައިވާއިރު، ހޮނިހިރު ދުވަހު އއ. އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝީދު އެކަން ރަސްމީކޮށް އިއުލާންކުރައްވާނެއެވެ.
ރައީސް ނަޝީދުގެ ނިންމެވުމަށް މަރުހަބާ ދަންނަވަމުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަދި ގުޅިފައިވާ ޕާޓީތަކުގެ ކޮމިޓީތަކުގައި އެޕާޓީ ތަމްސީލް ކުރައްވާ އެންމެ އިސް އެއް މަންދޫބު ކަމަށްވާ އަލީ ނަޒީރު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ރައީސް ނަޝީދު ނިންމެވި ނިންމެވުމަކީ އަމިއްލަ މަސްލަހަތު އެއްކިބާކުރައްވައި، ޤައުމާއި ރައްޔިތުންގެ ހައްޤުގައި ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް ކަމަށެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި ލީޑަރަކު ނިންމެވި އެންމެ އުނދަގޫ، އެހެނަސް އެންމެ މުހިއްމު ނިންމުމަށް ވާނެ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.
MDP ge riyaasee candidate, Raees @MohamedNasheed inthikhaabuga vaadha nukuravvan nimmevumakee amilla maslahathu ehkibaakoh qaumai rayyithun ge haqqugai nimmevi hivvarugadha nimmevumeh. Miee fahuge thaareekhgai leader aku nimmevi emme undhagoo ehenas emme muhimmu nimmumah vaane.
— Ali Nazeer (@alynazeer) June 29, 2018
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަކީ އޭޝިއާގެ މަންޑޭލާ ކަމަށެވެ. މަހުލޫފަކީ އެއް ކެންޑިޑޭޓަކު ނުނެރެ، މިވަގުތު ޕާޓީތައް ވަކިވަކިން ވާދަކުރުން ރަނގަޅުކަމަށް ވަކާލާތު ކުރައްވާ އެއް ބޭފުޅާއެވެ. ވަކިޕާޓީއަކާއި ގުޅިވަޑައިނުގެން ހުންނެވި ނަމަވެސް، މަހުލޫފުގެ ވާހަކަތަކުން ވަރަށް ބޮޑަށް އެމްޑީޕީއަށް ތާޢީދުކުރައްވާކަން ދޭހަވެއެވެ. އަދި ރައީސް ނަޝީދަށް ތާޢީދުކުރައްވާ ކަމަށާއި، އެމަނިކުފާނަށް ވާދަނުކުރެވޭ ޙާލަތެއްގައި ހިންނަވަރު ދާއިރާގެ މެމްބަރު އަދި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ތާޢީދުކުރައްވާ ކަމަށް އެންމެ ފުރަތަމަ ވިދާޅުވި އެއް ބޭފުޅަކީ މަހުލޫފެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ނިންމެވުމަށް މަރުހަބާ ދަންނަވަމުން މަހުލޫފު ވިދާޅުވީ ވާދަވެރިކޮށް އޮތް ތަފާތު ޕާޓީތައް އެއްކޮށްލުމަށް އިސް ދައުރެއް ރައީސް ނަޝީދު އަދާކުރެއްވި ކަމަށެވެ. އަދި ޔުނައިޓެޑް އޮޕޮޒިޝަން އުފައްދަވައި، އޭގެ ވެރިކަން ވެސް ރައީސް ނަޝީދު ބޭނުންފުޅު ނުވި ކަމަށާއި، 46000 މެމްބަރުން ދެއްވި ޓިކެޓް ވެސް ދޫކޮށްލެއްވީ ޤައުމު އިސްކުރައްވައި ކަމަށް މަހުލޫފު ވިދާޅުވިއެވެ.
Raees @MohamedNasheed akee Asia ge Mandela kan yageen. pic.twitter.com/YaRL193TjF
— ????? ??????? (@AhmedMahloof) June 29, 2018
ރައީސް ނަޝީދުގެ ނިންމެވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރ އަދި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރައީސް ނަޝީދުގެ ނިންމެވުމަކީ ދިވެހި ރައްޔިތުންނަށް ކުރެއްވި ސޮދަޤާތެއް ކަމަށެވެ. އަދި ކުރެވޭ ފޮނި އުއްމީދަކީ ޕާޓީތައް ގުޅިގެން ކެންޑިޑޭޓަކާއި ރަނިންގމޭޓަކު ނެރެ، މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
Raees @MohamedNasheed ge mi ninmevumakee Dhivehi rayyithunnah kurevvi sodhagaathekeve. Kurevey foni ummeedhakee party thah gulhigen Candidate akaai Running Mate aku nere #RiyaaseeInthihaab2018 kaamiyaabu kurumeve.@maumoonagayoom@Jumhooree_MV @MDPSecretariat @AdhaalathOffice
— Hussain R. Hassan (@DrHussainHassan) June 29, 2018
ޕީޕީއެމްގެ ނައިބު ރައީސާކަމަށް ރައީސް މައުމޫން އައްޔަންކުރެއްވި އާމިނަތު ނާދިރާ ވިދާޅުވީ ރައީސް ނަޝީދުގެ ނިންމެވުމަކީ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ހިތާމަ ލިބޭނެ ނިންމެވުމެއްކަމަށެވެ. ނަމަވެސް މިއަދު މިއޮތް އަނިޔާވެރިކަން ނިންމުމަށްޓަކައި ރައީސް ނަޝިދު ދެއްކެވި ނަމޫނާ މުޅި ދިވެހި ޤައުމު ޝުކުރުވެރިކަމާއިއެކު ބަލައިގަންނާނެކަމަށް ނާދިރާ ވިދާޅުވިއެވެ.
Raees @MohamedNasheed ge ninmevumakee Dhivehi Rayyithunge therein gina bayakah eyge hithaama libeyne nimuvumeh. Namaves miadhu mioiy aniyaverikan ninmumahtakai thiya dhekkevvi hiyvaraai namoona mulhi dhivehi Qaumu shukuruverikamaeku balagannane. #EmmeFurathamaQaumu
— aminath nadira (@a_nadraa) June 29, 2018
މީގެ އިތުރުން ވެސް ގުޅިފައިވާ ޕާޓީތަކުގެ ލީޑަރޝިޕާއި މެމްބަރުންނާއި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި އަދި ރައީސް ނަޝީދުގެ ސަރުކާރުގައި އިސް މަޤާމުތައް އަދާކުރެއްވި ބޭފުޅުންގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ކޮންގްރެސްމަނުން ގެންދަވަނީ ރައީސް ނަޝީދުގެ ނިންމެވުމަށް ތާޢީދުކުރައްވައި، ތަޢުރީފް ކުރައްވަމުންނެވެ.