ހިޔާ މަޝްރޫއުގެ ދަށުން ޑޮކްޓަރުންނާއި ނަރުހުންގެ ކެޓެގަރީއަށް އިސްލާހު ގެނެސްފިއެވެ.
ހައުސިން މިނިސްޓްރީން ހިޔާ މަޝްރޫއުގެ ދަށުން ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަކޮށްފައި ވަނީ 475 ފުލެޓެވެ. ހައުސިން މިނިސްޓްރީން އަލަށް ގެނައި ބަދަލުގައި ބުނެފައި ވަނީ އޭގެ ތެރެއިން ޑޮކްޓަރުންނަށް ކަނޑައެޅިފައި ވަނީ 125 ފުލެޓް ކަމަށެވެ. އަދި ނަރުހުންނަށް 350 ފްލެޓެވެ.
ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކު ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑުގެ ސުމާރު ނަންބަރު 2 (ތަޢުލީމީ ފެންވަރު) ވެސް ވަނީ އިސްލާހުކޮށްފައެވެ. ފުރަތަމަ އިސްލާހާ ގުޅިގެން ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓެގަރީގެ ފޯމުގެ ސުމާރު ނަންބަރު 4 (ފުލެޓަށްއެދޭ މީހާގެ ތައުލީމީ ފެންވަރުގެ މައުލޫމާތު) ވެސް ވަނީ އިސްލާހު ގެނެސްފައެވެ.
އެގޮތުން ޑޮކްޓަރުންނަށާއި ނަރުހުންނަށް ދާއިރާއިން ލިބިފައިވާ އެންމެ މަތީ ތައުލީމީ ސެޓްފިކެޓުގެ ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓެގަރީގެ މައުލޫމާތު ކަރުދާހުގެ ޝަރުތުތަކުގެ ސުމާރު ނަންބަރު ހަތަރެއް އަދި ފަހަކަށް ވެސް ވަނީ އިސްލާހު ގެނެސްފައެވެ.
"ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީއަކުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު 7000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ހާއްސަ ކެޓަގަރީތަކުގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކެޓަގަރީތަކަށް ވެސް ވަނީ ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައެވެ.
މި މަޝްރޫއުގެ ދަށުން ޖުލައި 31 ގެ ނިޔަލަށް ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ އިރު މިހާރު ވަނީ ފޯމު ބަލައިގަންނަން ފަށާފައެވެ. ޖުލައި މަހުގެ ނިޔަލަށް ފޯމު ބަލައިގަތުން ވެސް ކުރިއަށްދާނެއެވެ. ފޯމު ބަލައިގަތުން ކުރިއަށް ދަނީ ދަރުބާރުގޭގައެވެ.